ޚަބަރު
ޤައުމީ ޚިދުމަތުގެ ދެވަނަ ބެޗްގެ ދަސްވެނިންނަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ދަންނަވައިފި
ޤައުމީ ޚިދުމަތުގެ ދެވަނަ ބެޗްގައި ދަސްވެނިވި ދަރިވަރެއް. ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އެކްސް ޕޭޖް
ދިވެހި ވަޠަނީ ޚިދުމަތުގެ (ނޭޝަނަލް ސަރވިސް) ޕްރޮގްރާމުގެ ދެވަނަ ބެޗްގެ ތަމްރީނުތައް ފުރިހަމަކޮށް ދަސްވެނިވި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ދަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލި ހުރިހާ ޒުވާނުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.
މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ 112 ރަށަކުން 350 ބައިވެރިން ބައިވެރިވިއެވެ. އޭގެ ތެރެއިން 344 ބައިވެރިޔަކު ވަނީ ތަމްރީނުތައް ފުރިހަމަކޮށް ދަސްވެނިވެފައެވެ. ދަސްވެނިވި ދަރިވަރުންގެ ތެރޭގައި ހިމެނެނީ 280 ފިރިހެން ބައިވެރިންނާއި 63 އަންހެން ބައިވެރިންނެވެ. މީގެ ތެރެއިން 113 ކުދިންނަކީ 18 އަހަރުން ދަށުގެ ކުދިން ކަމަށްވާއިރު، 230 ބައިވެރިންނަކީ 18 އަހަރުން މަތީގެ މީހުންނެވެ.
ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގ ފުރިހަމަކުރި ދަރިވަރުންނަށް ވަނީ އެކަމުގެ ސެޓްފިކެޓުގެ އިތުރުން، ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕާއި، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ އަދި ބޭސިކް ފަސްޓް އެއިޑް ސެޓްފިކެޓް ދީފައެވެ. މީގެ އިތުރުން ޕިއަރ އެޑިއުކޭޝަން ޓްރޭނިންގ ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ސެޓްފިކެޓްވެސް ދަރިވަރުންނަށް ވަނީ އަރުވާފައެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި ޕްރޮގްރާމުގެ ދެވަނަ ބުރުން ހޮވޭ ދަރިވަރުންނަށް ބ. އަތޮޅު ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ވަޠަނީ ޚިދުމަތުގެ ފަންނީ ޕްރޮގްރާމުގެ ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ދެވަނަ ބުރަށް ނުހޮވޭ ދަރިވަރުންނަށް، އެ ކުދިން ވަޒީފާ އަދާކުރަން ޝައުޤުވެރިކަން ފާޅުކުރާ ދާއިރާތަކުން ވަޒީފާގެ ފުރުސަތުތައް ސަރުކާރުން ހަމަޖައްސައިދޭނެއެވެ.
ދިވެހި ވަޠަނީ ޚިދުމަތަކީ ރާއްޖޭގެ ޒުވާނުންގެ މެދުގައި ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވައި، ޤައުމަށް ޚިދުމަތް ކުރުމުގެ ރޫޙު ހުރި ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި މުހިންމު ޕްރޮގްރާމެކެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު އިފްތިތާހުކުރި މި ޕްރޮގްރާމަކީ ޒުވާނުންގެ މުސްތަޤްބަލު ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.