ޚަބަރު
ރައްކާތެރިކަމާއެކު މަގު ބޭނުންކުރުމަށް ނައިބު ރައީސްގެ އިލްތިމާސެއް
ނައިބު ރައީސް ހުސެއިން މުޙައްމަސދު ލަޠީފް. ފޮޓޯ: ރައީސް އޮފީސް
ރައްކާތެރިކަމާއެކު މަގުމަތި ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިއަދު އިލްތިމާސް ކުރައްވައިފިއެވެ.
ނައިބު ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
ނައިބު ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ރައްކާތެރިކަމާއެކު މަގުމަތި ބޭނުންކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއް ކަމަށެވެ. އަދި އެއީ އަނެކާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ތިމާގެ ފަރާތުން ކޮށްދެވޭނެ އެންމެ މުހިންމު އެއް ކަންތައް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަގުމަތީގެ ނުރައްކާތެރި ހާދިސާތަކަށް އިޝާރާތް ކުރައްވައި ނައިބު ރައީސް ވިދާޅުވީ، "ފަރުވާކުޑަކަމާއި ނުރައްކާތެރިކޮށް ދުއްވުމަކީ، ހިނދުކޮޅެއްގެ ތެރޭގައި ތިމާއާއި އަނެކާގެ ދިރިއުޅުން އަބަދުގެ އަބަދަށް ބަދަލުކޮށްލަފާނެ ކަމެއް" ކަމަށެވެ. އެހެންކަމުން މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކަކުންވެސް ސަމާލުވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
ރައްކާތެރިކަމާއެކު މަގުމަތި ބޭނުންކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއް. އެއީ އަނެކާގެ ސަލާމަތާއި ރައްކާތެރިކަމަށްޓައި ތިމާގެ ފަރާތުން ކޮށްދެވޭނެ އެންމެ މުހިންމެ އެއް ކަން. ފަރުވާކުޑަކަމާއި ނުރައްކާތެރިކޮށް ދުއްވުމަކީ، ހިނދުކޮޅެއްގެ ތެރޭގައި ތިމާއާއި އަނެކާގެ…
— Hussain Mohamed Latheef (@HucenSembe) May 17, 2026
މީގެ އިތުރުން، މަގުމަތި ބޭނުންކުރާ އެންމެންގެ ސަލާމަތަށްޓަކައި ޒިންމާދާރުކަމާއެކު، މަގުމަތީގެ ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ރައްކާތެރިކަން އިސްކުރުމަށް ހުރިހާ ރައްޔިތުންނަށް ނައިބު ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.