ޚަބަރު
ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙާއެކު، ކޮންމެ އަތޮޅަކަށް އެލްޖީއޭގެ އަތޮޅު އޮފީހެއް
ވަޒީރު ޒަމީރާއެކު އެލްޖީއޭގެ އިސްވެރިން/ފޮޓޯ: އެލްޖީއޭ
ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙާއެކު، އަތޮޅު ކައުންސިލްތައް އުވާލުމާއި ގުޅިގެން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އަތޮޅު އޮފީހެއް ޤާއިމްކުރުމަށް ނިންމައިފި އެވެ.
މިކަމާއި ގުޅިގެން، ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އައިޝަތު އިކްރާމް ސޮއިކުރައްވެމަށްފަހު، މިކަމުގައި ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ގޮތް ހާމަކުރެއްވުމަށް އެލްޖީއޭއަށް ސިޓީއެއް ފޮނުއްވިއެވެ.
އެގޮތުން، އެލްޖީއޭއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ލާމަރުކަޒީ ޤާނޫނުގެ ދަށުން އެލްޖީއޭގެ ޚިދުމަތްތައް އިދާރީ ދާއިރާތަކުގައި ދިނުމަށް ޤާއިމްކުރާ އޮފީސްތަކަކީ ސަރުކާރުގެ ވަކި އިދާރާއެއްގެ ގޮތުގައި ޤާއިމްކުރާ ތަންތަނަށް ނުވާތީ، އެ ތަންތަނަށް ތަފާތު ވަކި ނަމެއް ހަމަޖެއްސުމުގެ ބަދަލުގައި އެ ތަންތަނަށް ބޭނުންކުރުމަށް ފެނިވަޑައިގަންނަވާ ނަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އެ ނަމަކީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ-(އަތޮޅު) އޮފީސް އެވެ. މިސާލެއްގެ ގޮތުގައި އެ ސިޓީގައި ލިޔުއްވާފައި ވަނީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ - ބ. އަތޮޅު އޮފީސް" އެވެ.
މީގެ އިތުރުން، އަތޮޅު ކައުންސިލްތައް މިހާރު އުވިފައިވީ ނަމަވެސް، އަތޮޅު އޮފީސްތައް އުފައްދައި މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެހެން އިންތިޒާމްތައް ހަމަޖައްސަން ރައީސް އަންގަވާފައިވާ ކަމަށް އެ ސިޓީގައި ވަނީ ބަޔާންކުރައްވާފަ އެވެ. ހަމަ އެހެންމެ، އެއްވެސް މުވައްޒަފަކަށް މިހާރު ލިބޭ މުސާރަ އާއި އިނާޔަތްތަކަށް އުނިކަމެއް ނާންނަގޮތަށް ކަމާބެހޭ އިދާރާއާ މަޝްވަރާކޮށްގެން އިންތިޒާމްތައް ހަމަޖައްސަވަން ވެސް ރައީސް ވަނީ އަންގަވާފައެވެ.
ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެނައި އިޞްލާޙާއެކު، މިހާރު ތިބި އަތޮޅު ކައުންސިލަރުންގެ ހަމަވުމާ އެކު، އަތޮޅު ކައުންސިލްތައް ވަނީ އުވިގެން ގޮސްފައެވެ.