ޚަބަރު
މާފިލާފުށިން މާލެއަށް ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސްފި
ލޯންޗް ފަޅައިގެން ދިޔުމުގެ ހާދިސާ. ފޮޓޯ: އެމްވީ ކްރައިސިސް
ޅ. މާފިލާފުށިން މާލެއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ފަޅައިގެން ގޮސް، އޭގައި ތިބި މީހުން ކަނޑަށް ބާލަން ޖެހިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ކޯސް-2 ގެ ދަރިވަރުން ގޮވައިގެން ދަތުރުކުރި ލޯންޗަކަށެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ލޯންޗު ފަޅައިގެން ގޮސް ދިޔަވާން ފެށީ ހުޅުމާލެއާ ހިސާބުންނެވެ. ލޯންޗު އަޑިއަށް ދާން ފެށުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޭގައި ތިބި ހުރިހާ ކުދިން ވަނީ ކަނޑަށް ބާލާފައެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކަނޑަށް ބޭލި ކުދިން އެހެން ލޯންޗުތަކަށް ނެގުމަށްފަހު މާލެއަށް ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ކުރަމުންދާ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބުނު ކަމުގެ މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. ކޯސްޓްގާޑުން ދަނީ މި ހާދިސާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.