ޚަބަރު
އަތޮޅުތަކުން ހެޔޮ އަގުގައި ތެޔޮ ލިބުމުން އެންމެ ފައިދާ ވާނީ މަސްވެރިންނަށް: ވަޒީރު ޝިޔާމް
މަސްވެރިކަމާ ދަނޑުވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް. ފޮޓޯ: ރައީސް އޮފީސް
އެސްޓީއޯއިން ވިއްކާ އަގަށް އަތޮޅުތަކުން ތެޔޮ ލިބުމުގެ އެންމެ ބޮޑު ފައިދާއެއް ލިބޭނީ މަސްވެރިންނަށް ކަމަށް މަސްވެރިކަމާ ދަނޑިުވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޝިޔާމް މިހެން ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ވަޒީރުންގެ ކޮމިޓީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯއިން ތެޔޮ ވިއްކާ އެންމެ ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
ވަޒީރު ޝިޔާމު ފާހަގަކުރެއްވި ގޮތުގައި، އެސްޓީއޯގެ ރޭޓުގައި ހުރިހާ އަތޮޅަކުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިއްމު ވައުދުފުޅެކެވެ. މި އިންތިޒާމުގެ ސަބަބުން އެންމެ ބޮޑު ލުޔެއް ލިބިގެންދަނީ މަސްވެރިންނަށް ކަމަށާއި، މިހާރު ހުރިހާ އަތޮޅެއްގައިހެން އެފްއެސްއެމްގެ ޝެޑުތައް ގާއިމުކުރެވި، ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ތެޔޮ ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ލޮޖިސްޓިކްސްގެ ކަންކަން އެންމެ ފުރިހަމައަށް ހަމަނުޖެހޭތީ ބައެއް ފަހަރު ތެޔޮ ލިބުން ލަސްވުމުގެ މައްސަލަ މެދުވެރިވާ ކަމަށެވެ.
"މިހުރިހާ އަތޮޅަކުންވެސް މިހާރު ގާތްގަނޑަކަށް އެބަ ތެޔޮ ލިބޭ. ތެޔޮ ލިބޭއިރުގައި އެސްޓީއޯއަށްވެސް އެބަހުރި ގޮންޖެހުންތަކެއް ޓައިމްލީ މި ޝެޑުތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި،" ޝިޔާމު ވިދާޅުވިއެވެ. ނަމަވެސް އެސްޓީއޯއިން އެ މައްސަލަތައް ހައްލުކުރުމަށް ބާރަށް މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުން މަސްވެރިންނަށް ދެމުންދާ ލުއިތަކުގެ ތަފްސީލު ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެޔޮ އަގު ސަބްސިޑައިޒްކުރުމަށް ނިންމި ފަހުން، ތެޔޮ ޝެޑުތަކުން 1,832 އުޅަނދަކަށް 2.5 މިލިއަން ލީޓަރުގެ ތެޔޮ ލުއި އަގުގައި ދޫކުރެވިފައިވާ ކަމަށެވެ. މި ސަބްސިޑީގެ ސަބަބުން މަސްވެރިންނަށް ދަތިކަމެއް ނެތި މަހަށް ފުރޭނެ މަގު ފަހިވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެފްއެސްއެމްގެ ތެޔޮ ޝެޑުތައް ގާއިމުކުރުމުގެ ބޮޑު މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަކުރި މަސްވެރިންގެ ދުވަހުއެވެ. އޭގެ ފަހުން ކުރެވުނު މަސައްކަތްތަކުން މިހާރު ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ އަތޮޅެއްގައި މި ޚިދުމަތް ވަނީ ގާއިމުކުރެވިފައެވެ.