ޚަބަރު
ސިޓީ ކައުންސިލުން އެއްބާރުލުން ނުދޭތީ މާލޭ ވެޓް މާކެޓުގެ މަސައްކަތް ނުފެށިފައި
މާލޭ ވެޓްމާކެޓްގެ ޑިޒައިން---
ފަރުދުން
19 މޭ 2026، 06:05
19 މޭ 2026، 06:05
މާލޭ ވެޓް މާކެޓުގެ މަސައްކަތް ނުފެށި ވަނީ، ތަކުރާރުކޮށް ދެންނެވުމުން ވެސް ސިޓީ ކައުންސިލުން އެކަމަށް އެއްބާރުލުން ނުދޭތީކަމަށް، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިކަމާ ގުޅިގެން އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްޤީ ކުރުމުގެ މަޝްރޫޢު ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް، އެ ވުޒާރާއިންނާއި، އެ މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރު ވެފައިވާ ކަމަށެވެ.
އެގޮތުން މި މަޝްރޫޢުގެ މަސައްކަތް 15 މާރިޗު 2026ގައި ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށްފަހު، އެ މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވާ ބިން ހަވާލުކުރުމަށް 29 މާރިޗު 2026ގައި މާލޭ ސިޓީ ކައުންސިލަށް ފުރަތަމަ ސިޓީ ފޮނުވާފައިވާނެކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އަދި އެ ސިޓީއަށް ޖަވާބެއް އަރުވާފައި ނުވަނީސް، މަޝްރޫޢުގެ ފައިނޭންސް ހަމަޖެހުމުން ބިމަށް ވަނުމުގެ ޙުއްދައަށް އެދި 11 އެޕްރީލް 2026ގައި ކޮންޓްރެކްޓަރު ސިޓީ ކައުންސިލުގައި އެދުނުކަމަށާއި، ޖެހިގެން އައި ދުވަހު، 18 އެޕްރީލްގެ ކުރިން ބިން ހަވާލުކުރުމަށް ވުޒާރާއިން އެދުނު ނަމަވެސް އެދެވޭ ޖަވާބެއް ލިބިފައިނުވާކަމަށް އެ ބަޔާނުގައި ވެއެވެ.
އަދި ސިޓީ ކައުންސިލުން 30 އެޕްރީލްގައި ފޮނުވި ސިޓީގައި ބުނެފައި ވަނީ ބިން ހަވާލުކުރުމުގެ ކުރިން ވަޒީރާ ބައްދަލުކުރަން އެދޭކަމަށެވެ.
އަދި އޭގެ ފަހުން ދެ ފަހަރެއްގެ މަތިން މި މަހުގެ ތެރޭގައި ބިން ހަވާލުކުރުމަށް އެދިފައިވާނެކަމަށް ވެސް ވުޒާރާއިން ހާމަކުރެއެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް ބިން ހަވާލުކޮށްފައި ނުވާތީ މި މަޝްރޫޢު ފެށިފައި ނުވާކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މި މަޝްރޫޢަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. ޖުމްލަ 116،999،624.94 (ސަތޭކަ ސޯޅަ މިލިއަން ނުވަ ސަތޭކަ ނުވަދިހަ ނުވަހާސް ހަ ސަތޭކަ ސައުވީސް ރުފިޔާ ނުވަދިހަ ހަތަރު ލާރި) ކުރިޔަށްގެންދާ މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ 600 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. ނަމަވެސް ބިން ހަވާލުނުކޮށް ލަސްވާތީ މަޝްރޫޢުގެ އަގު ބޮޑުވެ ރައްޔިތުންނަށް ލިބެން ޖެހޭ ޚިދުމަތަކުން މަޙްރޫމްވާނެތީ އެކަމުގެ ކަންބޮޑުވުން ވުޒާރާއިން ވަނީ ފާޅުކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން މަސް މާރުކޭޓާއި، ދަނޑުވެރިކަމުގެ އުފެއްދުންތަކާއި މޭވާ އަދި ތަރުކާރީ މާރުކޭޓަކާއި، ފުޑް ކޯޓުތަކެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.