ދުނިޔެ

ޗައިނާގެ ރައީސް އާއި ރަޝިޔާގެ ރައީސް ބައްދަލުކުރައްވައިފި

ޗައިނާގެ ރައީސް އާއި ރަޝިޔާގެ ރައީސް ބައްދަލުކުރައްވައިފި

ރަޝިއާގެ ރައީސް އަދި ޗައިނާގެ ރައީސް -ފޮޓޯ : އަލްޖަޒީރާ

20 މޭ 2026، 09:24

ޗައިނާ އާއި ރަޝިޔާގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި، ރަޝިޔާގެ ރައީސް ވުލަޑީމިއަރ ޕޫޓިން ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ރައީސް ޝީ ޖިންޕިންގް އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ބެއިޖިންގްގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައެވެ. ޕޫޓިންއަށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެ ގައުމުގެ ގައުމީ ސަލާމް ކިޔާ، އޮނަރ ގާޑެއް ވަނީ އަރުވާފައެވެ. މި ދަތުރުފުޅަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ކުރި ރަސްމީ ދަތުރު ނިންމަވާލިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުރެވޭ ދަތުރުފުޅެކެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ލީޑަރުން މަޝްވަރާ ކުރައްވާނެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި މެދުއިރުމަތީގެ މަސްރަހާއި ޔޫކްރެއިންގެ ހަނގުރާމައިގެ އިތުރުން، ދާދިފަހުން ޓްރަމްޕާއެކު ދެކެވުނު ވާހަކަތަކުގެ މައުލޫމާތު ހިއްސާކުރުން ހިމެނެއެވެ.

ރަޝިޔާގެ ވިޔަފާރިވެރިންނާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ކުރައްވާ މި ދަތުރުފުޅުގައި، އިގްތިސާދީ، ފަތުރުވެރިކަން، އަދި ތައުލީމީ ދާއިރާއާ ގުޅުންހުރި 40 އަށްވުރެ ގިނަ އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ހަކަތައިގެ ރައްކާތެރިކަމާ ގުޅޭގޮތުން ދެ ގައުމުން ހާއްސަ ސަމާލުކަމެއް ދީގެން މަޝްވަރާ ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއީ ޕޫޓިން ޗައިނާއަށް ކުރައްވާ 25 ވަނަ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ ޗައިނާ އާއި ރަޝިޔާގެ ރަހުމަތްތެރިކަމަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނާއި، ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ދުނިޔެއަށް ހާމަކޮށްދިނުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450