Ads by Farudhun

ޚަބަރު

ފުވައްމުލަކުގައި ޤާއިމްކުރި 'ލިވިންގ ލެބް' އަދި 'މަލްޓި ހަޒާޑް އަރލީ ވަރނިންގް ސިސްޓަމް' ލޯންޗުކޮށްފި

ފުވައްމުލަކުގައި ޤާއިމްކުރި 'ލިވިންގ ލެބް' އަދި 'މަލްޓި ހަޒާޑް އަރލީ ވަރނިންގް ސިސްޓަމް' ލޯންޗުކޮށްފި

ލޯންޗުކުރުން / ފޮޓޯ: ދާޚިލީ ވުޒާރާ

ފުވައްމުލައް ސިޓީގައި ޤާއިމްކުރި 'ލިވިންގ ލެބް' އަދި 'މަލްޓި ހަޒާޑް އަރލީ ވަރނިންގް ސިސްޓަމް' ގެ އިތުރުން މޯބައިލް އެޕް "އުދަ" ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގައި ބޭއްވި ރަސްމިއްޔާތެއްގައި ލިވިންގ ލެބް ހުޅުވައިދެއްވައި، ސިސްޓަމް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލީ ޝަރީފްއެވެ.

މި ސިސްޓަމަކީ ޔުނައިޓަޑް ކިންގްޑަމްގެ ޔުނިވަރސިޓީ އޮފް ސެލްފޯޑްގެ ތިންކް ލެބުން ތައްޔާރުކޮށްފައިވާ މޯބިލައިޒް ސިސްޓަމްގެ މައްޗަށް ބިނާކޮށް ފުވައްމުލައް ސިޓީގެ ޖިއޯގްރަފީއަށް ޚާއްޞަކޮށް ޑިވެލޮޕްކޮށްފައިވާ ސިސްޓަމެކެވެ. މި ސިސްޓަމްގައި މައިގަނޑު 4 ބައެއް ހިމެނެއެވެ. އެގޮތު، މޮބިލައިޒްގެ މަލްޓި-އެޖެންސީ ރިސްކް އެސެސްމަންޓް ޕްލެޓްފޯމުގެ ރިސްކް ނޮލެޖް އެންޑް އިމްޕެކްޓް އެނަލައިޒަރ ބޭނުންކޮށްގެ ޤައުމީ އިދާރާތަކާއި ލޯކަލް ކައުންސިލް ފެންވަރުގައި ގެންގުޅޭ ޑޭޓާބޭސްތަކުގެ ޑޭޓާ ބޭނުންކޮށްގެން ރިސްކް އެނެލައިޒް ކުރެވެއެވެ. 

މި ސިސްޓަމްގެ ސަބަބުން ނާޒުކު ހާލަތްތަކުގައިވާ ފަރާތްތައް ދެނެގަނެވި ދުރާލާ ފިޔަވަޅު އެޅުމަށް އެފަރާތްތަކަށް ރައްކާތެރިވުމުގެ އިންޒާރުގެ މެސެޖްތައް ފޯރުކޮއްދޭން ފަސޭހަވެގެންދެއެވެ. މި ސިސްޓަމްގެ މޮނިޓަރިން އެންޑް ފޯކާސްޓިންގ ޕްލެޓްފޯމް "އީގަލް އައި" އަކީ މޫސުން ލަފާކުރުމަށް ބޭނުން ކުރާ ބައިނަލްއަޤްވާމީ މޮޑެލްސް ތަކާއި އަދި އެތަނެއްގައި ހުންނަ މޫސުމީ ސެންސަރ ތަކުގެ އެހީގައި، އުފެދެމުން އަންނަ މޫސުމީ ނުރައްކާތައް އަންދާޒާ ކުރަން ބޭނުންކުރާ ސިސްޓަމެކެވެ. އެގޮތުން ވާރޭ ވެހޭނެ މިންވަރާއި، ވައިގެ ބާރުމިނާއި މިސްރާބާއި، ރާޅުގެ އުސްމިނާއި ފެންބޮޑުވެދާނެ މިންވަރު ދެނެގަތުމަށް މި ސިސްޓަމް ބޭނުންކުރެވެއެވެ.

މި ނިޒާމުގެ ތެރެއިމް "އުދަ" ގެ ނަމުގައި ލޯންޗް ކުރި މޯބައިލް އެޕް ވެސް ފާހަގަކޮށްލެވެއެވެ. މި އެޕްއިން މޫސުމީ އިންޒާރު ލިބުމުގެ އިތުރުން، އެކި ކަހަލަ ހާދިސާތައް ކައުންސިލް އަށް ރިޕޯޓް ކުރެވޭނެ ނިޒާމެއް ވަނީ ހިމަނާފައެވެ. މިއީ ދިވެހި، އިނގިރޭސި އަދި ބެންގާލީ ބަސް ހިމަނައިގެން ވީހާވެސް ގިނަ ރައްޔިތުންނާއި، ބިދޭސީ މަސައްކަތްތެރިންގެ ބޮޑުބައެއް ހިއްސާކުރާ ބަންގްލަދޭޝް މީހުނާއި، ފަތުރުވެރިންނަށް ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ރާއްޖޭގެ ފުރަތަމަ އެޕެވެ.

މީގެ އިތުރުން، "ލިވިންގ ލެބް" ނަމުގައި ހުޅުވުނު ވަޞީލަތަކީ، ވަކިވެފައިވާ ޓެކްނިކަލް މެކޭނިޒަމްއެއްގެ ބަދަލުގައި، މޫސުމީ އެކި ހާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން ދުރާލައި ކަންކަން ރޭވުމަށްޓަކައި ފުވައްމުލަކު ސިޓީކައުންސިލާއި، ސަލާމަތީ ބާރުތަކާއި، ޤައުމީ އިދާރާތައް ގުޅިގެން މަސައްކަތްކުރަން ޤާއިމުކުރެވުނު މަލްޓިހަޒާޑް އަރލީ ވަރނިންގ ޑިސިޝަން ސަޕޯޓް ސެންޓަރެކެވެ. ސީދާ އެ ސަރަހައްދެއްގެ ހާލަތުގެ މައްޗަށް ބިނާކޮށް އެކި ކަންކަން ނިންމުމަށް މި ސެންޓަރުގައި އިސްވެ ދެންނެވުނު ސިސްޓަމްތަކަށް އެކްސެސްވެ މަޝްވަރާ ކުރެވޭގޮތަށް ވަސީލަތްތައް ޤާއިމްކޮށްދެވިފައިވެއެވެ.

މި ސިސްޓަމް ލޯންޗް ކުރުމުގެ ކުރިން ފުވައްމުލައް ސިޓީ ކައުންސިލާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަދި އެންޑީއެމްއޭ ހިމެނޭހެން މި ސިސްޓަމްގެ ޓްރެއިނިންގ ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450