Ads by Farudhun

ޚަބަރު

ދިރާގު ގޮއްވާލާނެ ކަމަށް ބުނެ އިންޒާރުދިން މީހަކު ޖަލަށްލުމަށް ހުކުމްކޮށްފި

ދިރާގު ގޮއްވާލާނެ ކަމަށް ބުނެ އިންޒާރުދިން މީހަކު ޖަލަށްލުމަށް ހުކުމްކޮށްފި

ދިރާގު - ފޮޓޯ : ދިރާގު

20 މޭ 2026، 09:48

ދިރާގުގެ އޮފީހެއް ގޮއްވާލާނެ ކަމަށް ބުނެ ބިރުދެއްކި މައްސަލައެއްގައި ދިވެހި ފިރިހެނަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކުށް ސާބިތުވެގެން މިމަހުގެ 14 ވަނަ ދުވަހު ޖަލު ހުކުމެއް އިއްވާފައިވަނީ ގއ. ގެމަނަފުށި، ރަންކޮކާގެ، ނަދީފް މުހައްމަދުގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ އާންމު ތަނެއްގައި ހުރެ، މީހުން ބިރުގަންނަ ފަދަ ހާލަތެއް އުފެއްދުމުގެ ދައުވާއެވެ.

މި ހާދިސާ ހިނގާފައިވަނީ 17 ޖުލައި 2022 ގައެވެ. ނަދީފް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ދިރާގުގެ ފިހާރައަށް ވަދެ، އެތަނުގައި އަޑުގަދަކޮށް މަސްލަހަތު ނަގާލާފައެވެ. އެވަގުތު އޭނާއަކީ ބައިނަލްއަގުވާމީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސްއަށް ނިސްބަތްވާ މީހެއް ކަމަށާއި، އޭނާއަކީ ބޮން ގޮއްވުން ފަދަ ނުރައްކާތެރި އަމަލުތައް ހިންގާ މީހެއް ކަމަށް ބުނެފައިވެއެވެ. އަދި ދިރާގު ގޮއްވާލާނެ ކަމުގެ އިންޒާރުދީ، އެތަނުގައި ތިބި މުވައްޒަފުންނާއި ކަސްޓަމަރުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދިއެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ނަދީފް ވަނީ އޭނާގެ މައްޗަށް ކުރެވުނު ދައުވާއަށް އިންކާރުކޮށްފައެވެ. ނަމަވެސް، ދައުލަތުން ވަނީ ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި މުވައްޒަފުންނާއި، ކަސްޓަމަރުންގެ އިތުރުން މައްސަލަ ރިޕޯޓްކުރުމުން އެތަނަށް ދިޔަ ފުލުހުންގެ ހެކިބަސް ކޯޓަށް ހުށަހަޅާފައެވެ.

ހުށަހެޅުނު ހެކިތަކާއި ގަރީނާތަކަށް ބަލައި، ޝަރީއަތުން ވަނީ ނަދީފްގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ. ކުށް ސާބިތުވުމުން އޭނާގެ ފަރާތުން ވަނީ އަދަބަށް ލުޔެއް ދިނުމަށް އެދިފައެވެ.

ކްރިމިނަލް ކޯޓުން މި މައްސަލައިގައި އިއްވާފައިވަނީ 1 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، މި މައްސަލައިގެ ތަހުގީގު މަރުހަލާގައި އޭނާ ބަންދުގައި ހުރި ދުވަސްތައް ހުކުމުގެ މުއްދަތުން އުނިކުރުމަށްފަހު، މިހާރު އޭނާ ތަންފީޒު ކުރަން ޖެހޭނީ 1 މަހާއި 13 ދުވަހުގެ ޖަލު ހުކުމެކެވެ.

މިފަދަ އަމަލުތަކަކީ އާންމު މަސްލަހަތު ގެއްލި، ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭ ކަންކަން ކަމަށްވާތީ، މިފަދަ މައްސަލަތައް ސަރުކާރުންނާއި ކަމާބެހޭ މުއައްސަސާތަކުން އަންނަނީ ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450