ޚަބަރު
ލަންކާގައި ވަގަށް ޓީވީ ސްޓޭޝަނެއް ހިންގި ދިވެއްސަކު ހައްޔަރުކޮށްފި
ލަންކާ ފުލުހުން ޙަރަކާތްތެރިވަނީ / ފޮޓޯ: ޖަފްނާ މޮނިޓަރ
ސްރީލަންކާގައި ވަގަށް ޓީވީ/ރޭޑިއޯ ސްޓޭޝަނެއް ހިންގި މައްސަލައެއްގައި އެޤައުމުގެ ސިފައިން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
އެމީހާ ހައްޔަރުކޮށްފައި ވަނީ، ލަންކާގެ ރަތުމަލާނަ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި އޮންނަ ހައި ސެކިއުރިޓީ ޒޯނެއްގައި ސިއްރުން ހިންގި ޓީވީ އަދި ރޭޑިއޯ ޓްރާންސްމިޝަން ސެންޓަރު ބަލައިފާސްކުރުމަށް ފަހުއެވެ.
މި މައްސަލައާއި ގުޅިގެން ލަންކާގެ ފުލުހުން އެޤައުމުގެ މީޑިއާތަކަށް ހިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މި އޮޕަރޭޝަނަކީ މައުންޓް ލެވީނިއާ ޑިވިޝަނަލް ކްރައިމް އިންވެސްޓިގޭޝަން ބިއުރޯ (އެމްބީއައި) އިން، އެ ޤައުމުގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ލަންކާ ރައްޔިތަކާއި ދިވެއްސަކު ހައްޔަރުކޮށްފައިވާއިރު، އެއީ ކޮންބައެއްކަން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ޓްރެވަލް ކުންފުންޏެއްގެ ނަމުގައި ޤަވާއިދާ ޚިލާފަށް މި ސްޓޭޝަން ހިންގާފައިވާއިރު، މި ސަރަޙައްދުން 50 މިލިއަން ރުޕީސްގެ އަގުހުރި ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ ޤައުމުގެ ފުލުހުން މަޢުލޫމާތުދެއެވެ. އޭގެ ތެރޭގައި ސެޓެލައިޓް ރިސީވަރާއި، ސެޓެލައިޓް ޑިޝްތަކާއި، ކޮމްޕިއުޓަރާއި، ސްޓާލިންކް ޔުނިޓަކާއި، އެހެނިހެން ޓްރާންސްމިޝަން އިކުއިޕްމަންޓްތައް ވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
މި މައްސަލަ ލަންކާގެ ކްރައިމް އިންވެސްޓިގޭޝަން ބިއުރޯއިން ދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.