ދުނިޔެ

އިސްރާއީލުގެ ފައިނޭންސް މިނިސްޓަރު ހައްޔަރުކުރުމުގެ އަމުރަކަށް އައިސީސީން އެދިއްޖެ

އިސްރާއީލުގެ ފައިނޭންސް މިނިސްޓަރު ހައްޔަރުކުރުމުގެ އަމުރަކަށް އައިސީސީން އެދިއްޖެ

އިސްރާއީލުގެ ފައިނޭންސް މިނިސްޓަރު - ފޮޓޯ : ސީއެންއެން

20 މޭ 2026، 10:42

އިސްރާއީލުގެ ފައިނޭންސް މިނިސްޓަރު ބެޒަލްއެލް ސްމޮޓްރިޗް ހައްޔަރުކުރުމުގެ އަމުރަކަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ ޕްރޮސިކިއުޓަރު އެދިފައިވާ ކަމަށް އޭނާ ބުނެފިއެވެ.

 އަންގާރަ ދުވަހު ގުދުސްގައި ހުންނަ އޭނާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްމޮޓްރިޗް ވަނީ އައިސީސީގެ މި ނިންމުމަކީ އިސްރާއީލާ ދެކޮޅަށް އިޢުލާން ކުރި "ހަނގުރާމައެއް" ކަމަށް ސިފަކޮށްފައެވެ.

ސްމޮޓްރިޗް ބުނި ގޮތުގައި އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް އެދިފައިވަނީ، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށްކަމަށެވެ. އަދި ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލުން ވަޒަންވެރިވަމުންދާ އާބާދީތައް ގިނަކޮށް އޭނާ ކުރަމުންދާ މަސައްކަތްތަކާ ގުޅިގެންނެވެ. އޭނާ ވަނީ މި ސަރުކާރުގެ ދައުރުގައި 100 އަށްވުރެ ގިނަ އާ ޔަހޫދީ އާބާދީއަށް ހުއްދަ ދީފައިވާކަމަށް ބުނެ އެކަމާ ފަޚުރުވެރިވެފައެވެ. އޭނާ އިތުރަށް ބުނި ގޮތުގައި މި އާބާދީތައް ގިނަ ކުރުމުގެ މައިގަނޑު މަގްސަދަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް އޮތް ކޮންމެ ފުރުސަތެއް ހަނިކޮށް ނައްތާލުމެވެ.

އައިސީސީގެ މި ނިންމުމަށް ރައްދު ދިނުމުގެ ގޮތުން، ގުދުސްގެ އިރުމަތީގައި އޮންނަ ފަލަސްތީނުގެ މީހުން ދިރިއުޅޭ ކުޑަ އަވަށެއް ކަމަށްވާ "ޚާން އަލް އަހްމަރު" ވަގުތުން ހުސްކޮށް ނެތިކޮށްލާނެ ކަމަށް ސްމޮޓްރިޗް ވަނީ އިންޒާރު ދީފައެވެ. އަދި އެއްވެސް ހެއްކެއް ނެތި އޭނާ ތުހުމަތު ކުރި ގޮތުގައި، އައިސީސީން މިފަދަ ފިޔަވަޅެއް އެޅީ ފަލަސްތީނުގެ އޮތޯރިޓީގެ ނުފޫޒުންކަމަށްވެސް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.

އިސްރާއީލުގެ ސަރުކާރުގެ މަސްދަރުތަކުން ބުނާ ގޮތުގައި، ސްމޮޓްރިޗްގެ އިތުރުން އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް އަދި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ހައްޔަރުކުރުމުގެ އަމުރަކަށްވެސް އައިސީސީން އެދުމުގެ ފުރުސަތު ބޮޑެވެ. މިކަމާ ގުޅިގެން ބެން ގްވީރު ބުނެފައިވަނީ އޭނާ މިފަދަ އަމުރަކަށް ބިރު ނުގަންނަ ކަމަށެވެ.

މީގެ ކުރިން، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އައިސީސީން ވަނީ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ތުހުމަތުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ނެރެފައެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރިއަކީ 1967 ވަނަ އަހަރުގެ ހަނގުރާމައިގައި އިސްރާއީލުން ހިފާފައިވާ ބިމެކެވެ. އެ ބިމުގައި ޔަހޫދީން ވަޒަންވެރިކުރުވުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން މަނާ، އަދި ޣައިރުގާނޫނީ އަމަލެއް ކަމަށް އދ. އާއި ބައިނަލްއަގުވާމީ މުޖުތަމައުން ކަނޑައަޅާފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450