ޚަބަރު
ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އެންމެންގެ ހަށިގަނޑުތައް ނަގައިފި
ކުއްލި ޚަބަރު / ފޮޓޯ: ފަރުދުން
ވ. އަތޮޅުގައި ހުންނަ ކަނޑުއަޑީގެ ކޭވްއަކަށް ޑައިވްކުރަނިކޮށް ގެއްލުނު އިޓަލީގެ ހުރިހާ ފަތުރުވެރިންގެ ހަށިގަނޑު މިއަދު ނަގައިފިއެވެ.
މި ޑައިވަރުންގެ ހަށިތައް ނެގުމުގެ އޮޕަރޭޝަން ކުރިޔަށްގެންގޮސްފައި ވަނީ އިޓަލީ ސަރުކާރުން ހަމަޖައްސައިގެން ރާއްޖެ އައި ފިންލެންޑުގެ ތަޖުރިބާކާރު ޓީމުންނެވެ. މި ޓީމުގައި ތިން ޑައިވަރުން ހިމެނޭއިރު، މި އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތުގެ ޑައިވަރުން އެހީތެރިވެދީފައެވެ.
ޑައިވިން ކުރަނިކޮށް ގެއްލުނު ހަތަރު ފަތުރުވެރިންގެ ހަށިގަނޑުވެސް ވަނީ މި އޮޕަރޭޝަންގެ ތެރެއިން ހޯމަ ދުވަހު ހޯދާފައެވެ. ގެއްލުނު ޑައިވަރުން ލޮކޭޓުކުރީ މިފަދަ ކަންކަމަށް ޚާއްޞަ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހޮހަޅައިގެ ފުނަށް ތަޖުރިބާކާރު ޑައިވަރުން ފީނައިގެން ކަމަށް، އެ އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވާ ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން)އިން ހޯމަދުވަހު ބުނެފައިވެއެވެ.
މި ހާދިސާގައި މަރުވި މީހުން:
- މޮނިކާ މޮންޓެފަލްކޯން، 51، ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް
- ޖޯޖިއާ ސޮމާކަލް، 20، މޮންޓެފަލްކޯންގެ އަންހެން ދަރިފުޅު އަދި ޔުނިވަސިޓީގެ ދަރިވަރެއް
- މިއުރިއަލް އޮޑެނީނޯ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް
- ފެޑެރިކޯ ގުއަލްޓިއޭރީ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް
- ގިއަންލޫކާ ބެނެޑެޓީ، 41، ޑައިވިން އިންސްޓްރަކްޓަރު
ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ، އެމްއާރުސީސީއަށް ލިބުނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފްއިން ވަނީ، އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ފަށާފައެވެ.
މި ފަސް މީހުންގެ ތެރެއިން އެކަކު ފެނިފައިވަނީ އެ ދުވަހުގެ އިރުއޮއްސި 18:13 ހާއިރު އެވެ. އޭނާ ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު އަޑިން ކޭވްގެ ތެރެއިން ނެވެ.
މި ހާދިސާއާ ގުޅިގެން އިޓަލީ ސަރުކާރުން އިސްނަގައިގެން އަންނަނީ ތަޙުޤީގެއް ހިންގަމުންނެވެ.