ޚަބަރު
އިނގިރޭސިވިލާތުން މިއަދު މިވަނީ ދިވެހި ކަނޑު މަހުގެ އަގު ޙައްޤު ގޮތުގައި ވަޒަންކޮށްފައި: ވަޒީރު ޝިޔާމް
ވަޒީރު ޝިޔާމް / ފޮޓޯ: ފަރުދުން
އިނގިރޭސިވިލާތުން މިއަދު މިވަނީ ދިވެހި ކަނޑު މަހުގެ އަގު ޙައްޤު ގޮތުގައި ވަޒަންކޮށްފައިކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، އިނގިރޭސިވިލާތުން ދިވެހި ކަނޑުމަހުގެ ބާވަތްތަކުން ނަގަމުންދިޔަ ޓެރިފް ކަނޑާލުމަށް ނިންމި ނިންމުމަށް މަރުޙަބާ ދެންނެވުމަށް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، މިއަދުން ފެށިގެން ޢަމަލުކުރަން ފެށި މި ނިންމުމަކީ ދިވެހި މަސްވެރިންނަށާއި، މަސްވެރި ޢާއިލާތަކަށާއި، ރަށްރަށުގެ އިޖުތިމާޢީ ފުދުންތެރިކަމަށާއި، އަދި ދެމެހެއްޓެނިވި މަސްވެރިކަމުގެ އެންމެ މަތީ މިންގަނޑު ކަމުގައިވާ ދޮށީގެ މަސްވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ ކުންފުނިތަކަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. ހަމަ އެހެންމެ، ދިވެހި ކަނޑުމަހަކީ ހަމައެކަނި ދުނިޔެއަށް ފޯރުކޮށްދޭ ކާނާއެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިިއެވެ.
އެއީ ތިމާވެށްޓާ ރައްޓެހި، ޒިންމާދާރު ގޮތެއްގައި ކުރެވޭ މަސްވެރިކަމުގެ ނަމޫނާއެއް. ރާއްޖޭގެ މަސްވެރިކަމުގެ އެންމެ މުހިންމު އެއް މާކެޓުން މިއަދު މިވަނީ މި މަސައްކަތްތެރިކަމުގެ އަގު ޙައްޤު ގޮތުގައި ވަޒަންކޮށްފައި.
ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ބައިނަލްއަޤްވާމީ މައިދާނުގައި އައު އުސްމިންތަކަކަށް ގެންގޮސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މެދުކެނޑުމެއްނެތް މަސައްކަތްޕުޅުތަކާއި ދައްކަވާ ހަރުދަނާ ލީޑަރޝިޕަށްޓަކައި ވަޒީރު ވަނީ އެ މަނިކުފާނަށް ޝުކުރު ދަންނަވާފައެވެ. ހަމަ އެހެންމެ، މިކަން ޙަޤީޤަތަކަށް ހެދުމަށްޓަކައި ރާއްޖެއާއި އިނގިރޭސިވިލާތުގެ ކަމާގުޅޭ ހުރިހާ ފަރާތްތަކުންނާއި، ސިނާއަތުގެ ބައިވެރިން ކުރެއްވި މިންނެތް މަސައްކަތްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
Thrilled to welcome the UK's decision to suspend tariffs on Maldivian tuna - effective today! This is a direct win for our fishers, their families, island communities and our processors who have long championed one-by-one fishing as the gold standard of sustainability. Maldivian… https://t.co/0S9XHB1t6g
— Ahmed Shiyam (@Shiyamaldives) May 20, 2026
އިނގިރޭސި ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ކަނޑުމަހުން ޑިއުޓީ ކަނޑާލުމުން އެ ޤައުމުގެ ބާޒާރުން މަސް ގަންނަން ލިބޭ އަގު ކުޑަކުރެވޭނެއެވެ. އެހެންކަމުން މިއީ އާންމު ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމަށް ލިބިގެންދާނެ ލުޔެއް ކަމަށް ފާހަގަކޮށްފައިވާއިރު، އެ ޤައުމުގެ މި ނިންމުމާ ގުޅިގެން، ފްރީޒްކޮށްގެންނާއި، ޕްރޮސެސްކޮށްގެން، އެ ޤައުމުން ކަނޑައަޅާފައިވާ ކަނޑުމަހުގެ ބާވަތްތަކުގެ މަސް އެކްސްޕޯޓުކުރުމަށް ޑިއުޓީއެއް ނުނަގާނެކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން، އިނގިރޭސިވިލާތުގެ މި މުހިންމު ނިންމެވުމާއި ގުޅިގެން ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، މި ނިންމުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ބާޒާރުގައި ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމުގެ އުފެއްދުންތަކަށް އޮތް ފުރުޞަތުތައް ފުޅާވެ، އެ ޤައުމުގެ ކަސްޓަމަރުންނަށް މި އުފެއްދުންތައް އަގުހެޔޮކޮށް ލިބުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ހަމަ އެހެންމެ، މިއީ ދެ ޤައުމަށްވެސް އޭގެ ފައިދާ ކުރާނެ ފާހަގަކޮށްލެވޭ ކުރިއެރުމަކަށްވީއިރު، ޚާއްޞަކޮށް ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ މަސްވެރި އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ބާނާ މަހުގެ އުފެއްދުންތަކަށް ބާޒާރުގައި ރަނގަޅު ފުރުޞަތުތަކެއް ހޯދައިދިނުމަކީ ދެ ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް ލިބިގެންދާނެ ބޮޑު ބާރެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
🌎🎣The Government of Maldives welcomes the UK's decision to suspend tariffs on Maldivian tuna exports to UK.
— Iruthisham Adam ( Iru) (@IruthishamAdam) May 20, 2026
The suspension will help improve market access for Maldivian sustainable tuna products in the UK, while also contributing to lower prices for consumers in the UK.… https://t.co/znWM2HyqRG
ވަޒީރު އިތުރަށް ވަނީ، ދިވެހިރާއްޖެއަކީ ދެމެހެއްޓެނިވި މަސްވެރިކަމަށް، ވަކިން ޚާއްޞަކޮށް ދޮށީގެ މަސްވެރިކަމަށް އަބަދުވެސް ވަކާލާތުކުރާ އަދި އެކަމުގައި ނަމޫނާ ދައްކަމުންދާ ޤައުމެއްކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން، އިނގިރޭސިވިލާތުގެ މި ނިންމުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެ، ދެމެހެއްޓެނިވި ވިޔަފާރިއާއި، އިޤްތިޞާދީ ގޮތުން ކުރިއަރައި ދިއުމުގެ ޤާބިލުކަން އިތުރުކުރުމަށް ދެ ޤައުމުން ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ވަޒީރު އިރުތިޝާމް ވިދާޅުވިއެވެ.
އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުން ޑިއުޓީ ކަނޑާލަން ނިންމާފައިވާ ނިންމުން، 31 ޑިސެންބަރު 2028 ގެ ނިޔަލަށް ދެމިއޮންނާނެކަން އިނގިރޭސި ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.