ޚަބަރު
މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 7 ކޭސް ފެނިފައިވޭ
ހިމަބިހި ޖެހިފައިވާ ކުއްޖެއް. ފޮޓޯ: ސީލެވެލްއެންޑްކްލިނިކް
މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި (މީސްލްސް) ގެ 7 ޕޮޒިޓިވް ކޭސް ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީއިން ހާމަކޮށްފިއެވެ.
މި ކޭސްތަކާ ގުޅިގެން މިހާތަނަށް 74 އަށްވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
ހިމަބިހީގެ ކޭސްތަކެއް ފެނުމާ ގުޅިގެން، އާންމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި، ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން، ބައްޔަށް ހުށަހެޅިފައިވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް މަޢުލޫމާތު ލިބެއެވެ.
ބަލީގެ އަލާމާތްތަކާއި ރައްކާތެރިކަން
ހިމަބިއްސަކީ ވައިރަހެއްގެ ސަބަބުން ޖެހޭ، ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ބަލިޖެހޭތާ 7 ދުވަހާއި 14 ދުވަހާ ދެމެދުގައެވެ. ބަލީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުންއައުން، ކެއްސުން، އަރިދަފުސް ފޭބުން، ލޯ ރަތްވުން އަދި ގައިގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. އާންމުގޮތެއްގައި ބިހިތައް ނަގަން ފަށަނީ އިސްތަށިގަނޑު ކައިރިން ފެށިގެން ތިރިއަށް މުޅި ހަށިގަނޑަށެވެ.
ޞިއްޙީ މާހިރުން އިރުޝާދު ދެއްވަނީ ހުންއައިސް ގައިގައި ބިހި ނަގައިފިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށެވެ. އަދި ހޮސްޕިޓަލަށް ވަޑައިގަންނަވާއިރު މާސްކު އެޅުއްވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ބަލީގެ ނުރައްކާ އޮތް މިންވަރު
ހިމަބިއްސަކީ އޭގެ ސަބަބުން ނުރައްކާތެރި ކޮމްޕްލިކޭޝަންތަކެއް ކުރިމަތިވެދާނެ ބައްޔެކެވެ. އޭގެތެރޭގައި ލޮލުގެ ފެނުން ގެއްލުން، ސިކުނޑި ދުޅަވުން (އެންސެފަލައިޓިސް)، ބޭރަށް ހިންގުން، އަދި ނިއުމޯނިއާ ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް ހިމެނެއެވެ. ޚާއްޞަކޮށް މާބަނޑު މީހުންނަށް މި ބަލި ޖެހުމުން ބައިގެންދިޔުން ނުވަތަ ދުވަސް ނުފުރާ ވިހެއުމުގެ ނުރައްކާ އޮވެއެވެ.
މި ބަލީގައި އެންމެ ނުރައްކާ ބޮޑީ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށާއި، ކުޑަކުދިންނަށް، އަދި އުމުރުން 20 އަހަރުން މަތީގެ މީހުންނާއި މާބަނޑު އަންހެނުންނަށެވެ. އެހެންކަމުން، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ޞިއްޙީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެކެވެ.