ޚަބަރު
ދިފާޢުގައި ވާހަކަދެއްކެވުމަށް ނާޠިމަށް 10 މިނެޓު ދޭން ނިންމައިފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނާޡިމް. ފޮޓޯ: މަޖިލިސް އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޠިމް މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ޤަރާރުގެ ބަހުސްގައި، އަމިއްލަ ދިފާޢުގައި ވާހަކަ ދެއްކުމަށް 10 މިނެޓުގެ ވަގުތެއް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ކަނޑައަޅައިފިއެވެ. މި މައްސަލައަކީ ޤާނޫނުއަސާސީ އާއި މަޖިލީހުގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މި މަހުގެ 14 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
މިއަދު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި، މި ޤަރާރުގެ ބަހުސް ކުރިއަށްގެންދާނެ އުސޫލުތައް ވަނީ ފާސްކޮށްފައެވެ. ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުޙައްމަދު ހުށަހަޅުއްވައި، ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު އަލީ ތާއީދުކުރެއްވި މި ހުށަހެޅުމުގައި ވަނީ، މަޖިލީހުގެ ތަޅުމުގައި މިކަމަށް ބަހުސްކުރުމަށް ޖުމްލަ އެއް ގަޑިއިރުގެ ވަގުތެއް ކަނޑައެޅުމަށެވެ. މި ހުށަހެޅުން ފާސްވީ ކޮމިޓީއަށް ހާޒިރުވި 7 މެންބަރުންގެ ތެރެއިން 5 މެންބަރުންގެ ވޯޓުންނެވެ.
ކޮމިޓީން ނިންމި ގޮތުގައި، ބަހުސްގެ ވަގުތުގެ ތެރެއިން ސިޔާސީ ޕާޓީތަކަށް ވަގުތު ބަހާލާއިރު، ކޮންމެ މެންބަރަކަށް ވާހަކަ ދެއްކުމަށް ލިބޭނީ 3 މިނެޓުގެ އެއް ފުރުސަތެވެ. އަދި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޠިމަށް ޖަވާބުދާރީވުމަށް ލިބޭ 10 މިނެޓުގެ ވަގުތު ދިނުމަށް ހަމަޖެހިފައިވަނީ ބަހުސްގެ މަރުހަލާ ފެށުމުގެ ކުރިންނެވެ.
މަޖިލީހުގެ ޤަވާއިދު ބަޔާންކުރާ ގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރުމުގެ ޤަރާރެއް ހުށަހެޅިއްޖެނަމަ، އެ މައްސަލައާމެދު ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަކަށް ނުގެންދެވޭނެއެވެ. އަދި މިފަދަ ޖަލްސާއެއްގައި އަމިއްލަ ދިފާޢުގައި ވާހަކަ ދެއްކުމުގެ ޙައްޤު ނައިބު ރައީސަށް އޮތް ނަމަވެސް، އެ މައްސަލައިގައި ނަގާ ވޯޓުގައި އެ މަނިކުފާނަށް ބައިވެރިވެވަޑައެއް ނުގަނެވޭނެއެވެ.
މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސެވެ. މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިވާނީ، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ޤަރާރު ފާސްވުމުން ކަމަށްވެސް މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދެއެވެ.