ޚަބަރު
ޙައްޖު މިޝަނުން، ގްރޭންޑް ޙައްޖު ސިމްޕޯސިއަމް 1447ގައި ބައިވެރިވެއްޖެ
ޙައްޖު މިޝަނުން، ގްރޭންޑް ޙައްޖު ސިމްޕޯސިއަމް 1447ގައި ބައިވެރިވުން. ފޮޓޯ: ޙައްޖު މިޝަން
ސަޢޫދީ ޢަރަބިއްޔާގައި މިހާރު ކުރިއަށްދާ ގްރޭންޑް ޙައްޖު ސިމްޕޯސިއަމްގެ 1447 ވަނަ އަހަރުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޙައްޖު މިޝަނުން ބައިވެރިވެއްޖެއެވެ.
މި ސިމްޕޯސިއަމްއަކީ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ވަރަށް މުހިންމު ބައްދަލުވުމެކެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ދިވެހި ޙައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔާ، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް އައްޝައިޚް އިމްޠިޠާއު ޢައްބާސް ވިދާޅުވީ، މި ސިމްޕޯޒިއަމްގެ ތެރެއިން ވަރަށް މުހިންމު މަޢުލޫމާތުތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ސަޢޫދީ ޙައްޖު މިނިސްޓަރާއި އެހެނިހެން އިސް ބޭފުޅުންގެ ފަރާތުން ޙައްޖުގެ ޚިދުމަތްތައް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްސާކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޙައްޖުވެރިންގެ ޞިއްޙަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވާފައިވާކަން ޝައިޚް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް ސަޢޫދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓަރުގެ ފަރާތުން ވަރަށް މުހިންމު އިރުޝާދުތަކެއް ލިބިގެންދިޔަ. ޙައްޖުވެރިންގެ ޞިއްޙަތާއި އަދި އެނޫންވެސް ކަންކަމާ ގުޅޭ ގޮތުން ފަރުވާތެރިކަން ބެހެއްޓުމަށް އަޅުގަނޑުމެންނަށް އިލްތިމާސްކުރެއްވި" ޝައިޚް ވިދާޅުވިއެވެ.
ގްރޭންޑް ޙައްޖު ސިމްޕޯޒިއަމްއަކީ ސަޢޫދީ ސަރުކާރުން ޙައްޖުގެ މޫސުމާ ގުޅުވައިގެން ބާއްވާ މުހިންމު ތިން ބައްދަލުވުމުގެ ތެރެއިން ދެވަނަ ބައްދަލުވުމެވެ. މީގެ ކުރިން ޙައްޖު ކޮންފަރެންސްގެ ނަމުގައި ބައްދަލުވުމެއް ބާއްވާފައިވާއިރު، ޙައްޖުގެ އަޅުކަން ނިމުމުން ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިފަދަ ސިމްޕޯޒިއަމްތަކުގައި ބައިވެރިވުމުން ދިވެހި ޙައްޖުވެރިންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށާއި، ސަޢޫދީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކަށް އަހުލުވެރިވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ޙައްޖު މިޝަނުން މަޢުލޫމާތުދެއެވެ.