ޚަބަރު
"ތައްޔާރު" މަޝްރޫޢުގެ ދަށުން ފޯރުކޮށްދީފައިވާ ތިން އިލެކްޓްރިކް އުޅަނދު ހަވާލުކޮށްފި
ތައްޔާރު" މަޝްރޫޢުގެ ދަށުން ފޯރުކޮށްދީފައިވާ ތިން އިލެކްޓްރިކް އުޅަނދު ހަވާލުކުރުން. ފޮޓޯ: މެޓް އޮފީސް
ޗައިނާ ސަރުކާރާއި ޔޫ.އެން.ޑީ.ޕީގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ "ތައްޔާރު" މަޝްރޫޢުގެ ދަށުން ފޯރުކޮށްދީފައިވާ ތިން އިލެކްޓްރިކް އުޅަނދު ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (އެމް.އެމް.އެސް) ގައި ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އިތުރުން، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ވަންގް ލީޒިން އަދި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ އިސް މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމުގެ ގޮތުން ބައިނަލްއަޤުވާމީ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މިއަދު ހަވާލުކުރެވުނު އިލެކްޓްރިކް އުޅަނދުތަކުގެ ސަބަބުން އެމް.އެމް.އެސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ޚިދުމަތް ދިނުމަށް މަގުފަހިވެގެންދާނެއެވެ.
"ތައްޔާރު" މަޝްރޫޢަކީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، މޫސުމީ މައުލޫމާތު ހޯދައި ފެތުރުމުގެ ނިޒާމު ވަރުގަދަކުރުމަށް އަމާޒުކޮށްގެން ހިންގޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން މީގެ ކުރިންވެސް ތަފާތު އެކި ވަސީލަތްތައް ރާއްޖޭގެ ކަމާބެހޭ އިދާރާތަކަށް ވަނީ ފޯރުކޮށްދީފައެވެ.