ރިޕޯޓް
ރުޅި މެނޭޖްކުރުން - ނަފްސާނީ ދުޅަހެޔޮކަމާއި އިޖުތިމާޢީ ގުޅުން ބަދަހިކަމުގެ ބިންގާ
ފޮޓޯ: ފަރުދުން
ކޮންމެ އިންސާނަކީވެސް ތަފާތު އިޙްސާސްތަކަކާއި ޖަޒުބާތުތަކެއް ލިބިފައިވާ މީހެކެވެ. މީގެ ތެރެއިން 'ރުޅި' އަކީ ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނަ ފިޠުރީ އިޙްސާސެކެވެ. ނަމަވެސް، މި އިޙްސާސް ރަނގަޅު ގޮތުގައި މެނޭޖް ނުކުރެވިއްޖެނަމަ، އެއީ އަމިއްލަ ނަފްސަށާއި މުޖުތަމަޢަށް އޮތް ބޮޑު ނުރައްކަލެކެވެ. ރުޅި ކޮންޓްރޯލް ކުރުމަކީ ހަމައެކަނި އަޚްލާޤީ ސިފައެއް ނޫނެވެ. އެއީ އިންސާނާގެ ޞިއްޙީ، ނަފްސާނީ އަދި ދީނީ ދުޅަހެޔޮކަމާ ގުޅިފައިވާ މުހިންމު ކަމެކެވެ.
ރުޅިއަކީ ކޮބައިކަން؟
ރުޅިއަކީ އިންސާނާގެ ހިތްހަމަނުޖެހުން ނުވަތަ ނުރުހުން ފާޅުކޮށްދޭ ވަރުގަދަ އިޙްސާސެކެވެ. މިއީ އާންމުކޮށް ތިމާ ބޭނުންވާ ގޮތް ނުވުމުން، ނުވަތަ ބޭއިންސާފަކާ ކުރިމަތިލާން ޖެހުމުން، ނުވަތަ ނުރައްކަލެއް ކުރިމަތިވާހެން ހީވުމުން އުފެދޭ އުދާހެކެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު، ރުޅިއަކީ އިންސާނާގެ ބުއްދި ފިލުވާލާ، ޝައިޠާނާގެ ވަސްވާސްތަކަށް މަގުފަހިކޮށްދޭ ހުޅުގަނޑެކެވެ. ރުޅި އަންނަ ވަގުތު އިންސާނާއަށް އޭނާގެ ބަހާއި ޢަމަލުގެ މައްޗަށް އޮންނަ ބާރު ކުޑަވެގެންދެއެވެ.
ރުޅި ކޮންޓްރޯލް ކުރުމުގެ އުކުޅުތައް
ރުޅި ކޮންޓްރޯލް ކުރުމަކީ އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވުމެވެ. މިކަމަށްޓަކައި ތިރީގައިވާ ކަންކަން ކުރެވިދާނެއެވެ:
ޒިކުރުކުރުން: ރުޅި އަންނަ ވަގުތު "އަޢޫޛުބިﷲ" ކިޔައި ޝައިޠާނާގެ ކިބައިން ރައްކާތެރިކަމަށް އެދުމަކީ ހިތަށް މަޑުމޮޅިކަން ގެނުވައިދޭ ކަމެކެވެ.
ހަނުހުރުން: ރުޅި އަންނަ ވަގުތު ބަސްމަދުކުރުމަކީ ފަހުން ހިތާމަކުރަންޖެހޭ ފަދަ ބަހެއް ދުލުން ބޭރުވިޔަ ނުދިނުމަށް އެޅޭ އެންމެ ވަރުގަދަ ފިޔަވަޅެވެ.
ހާލަތު ބަދަލުކުރުން: ކޮޅަށް ހުރިނަމަ އިށީނުން، އިށީނދެ އިނީނަމަ އޮށޯތުމަކީ ރުޅީގެ ހޫނުކަން ކުޑަކުރުމަށް ނަބަވީ އިރުޝާދުގައިވާ ކަމެކެވެ. މީގެ އިތުރުން، ރުޅި އަންނަ ވަގުތު އެ ސަރަހައްދަކުން ދުރަށް ދިޔުމަކީވެސް ރުޅި މެނޭޖްކުރުމަށް ކުރެވިދާނެ ކަމެކެވެ.
ވުޟޫކުރުން: ފެނަކީ އަލިފާން ނިއްވާލާ އެއްޗަކަށް ވާއިރު، ރުޅީގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ހޫނުކަން ކަނޑުވާލުމަށް ވުޟޫކުރުމަކީ ނަފްސަށް ހަމަޖެހުން ލިއްބައިދޭ ކަމެކެވެ.
ފުންކޮށް ނޭވާލުން: ހާސްކަން ކުޑަކުރުމަށްޓަކައި މަޑުމަޑުން ފުންކޮށް ނޭވާލުމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުން ހިތުގެ ވިންދު ހަމައަކަށް އެޅި، ސިކުނޑި ސާފުވެގެންދެއެވެ.
ރުޅި އިސްކުރުމުގެ ނޭދެވޭ ނަތީޖާ
ރުޅީގެ މައްޗަށް ބާރު ނުފޯރުވޭނަމަ، އޭގެ ހިތި ނަތީޖާ މުޅި ދިރިއުޅުމަށް ކުރެއެވެ. އޭގެ ތެރޭގައި:
ޞިއްޙީ މައްސަލަތައް: ގަވާއިދުން ރުޅިއައުމަކީ ލޭގެ ޕްރެޝަރު މަތިވުމާއި، ހިތުގެ ބަލިތަކާއި، ނަފްސާނީ ބަލިތަކަށް މަގުފަހިވާ ކަމެކެވެ.
ގުޅުންތައް ކެނޑުން: އާއިލާ އާއި ރަޙުމަތްތެރިންގެ މެދުގައި އޮންނަ ލޯތްބާއި އިތުބާރު ގެއްލި، ގުޅުންތައް ހީނަރުވެ، އެކަނިވެރިކަމާ ކުރިމަތިލާން ޖެހެއެވެ.
ދީނީ ގޮތުން ލިބޭ އުނިކަން: ރުޅީގެ ސަބަބުން ދުލުން ބޭރުކުރެވޭ ބަދުބަސްތަކާއި ކުރެވޭ އަމަލުތަކުގެ ސަބަބުން ފާފަވެރިވެ، ދީނީ މިންގަނޑުތަކުން ބޭރުވެވެއެވެ.
ފަހުން ހިތާމަކުރަން ޖެހުން: ރުޅި އިސްކޮށްގެން ނިންމޭ ނިންމުންތަކަކީ ގިނަ ފަހަރަށް ފަހުން އެކަމާ މެދު ހިތާމަކުރަންޖެހޭ ކަންކަމެވެ.
ދާއިމީ ހައްލަކަށް ކުރެވިދާނެ ކަންކަން
ރުޅި މެނޭޖްކުރުމަކީ ހަމައެކަނި ރުޅި އަންނަ ވަގުތު ކުރާ ކަމެއް ނޫނެވެ. އެއީ ދިރިއުޅުމުގެ އާދަކާދައަށް ގެންނަންޖެހޭ ބަދަލެކެވެ. އެކަށީގެންވާ ވަރަށް ނިދި ހޯދުމާއި، ގަވާއިދުން ކަސްރަތު ކުރުމަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދީ ރުޅި މަޑުކޮށްދޭ ކަންކަމެވެ. މީގެ އިތުރުން، ކަންކަމުގައި މާފުކުރުމުގެ ރީތި ސިފަ އަށަގަންނުވައި، އަބަދުވެސް "ޕޮޒިޓިވް" ކޮށް ވިސްނުމަކީ ރުޅީގެ އަޅަކަށް ނުވެ ސަލާމަތްވުމަށް އޮތް އެންމެ ބޮޑު ބާރެވެ. މުހިންމު ކަމަކީ ރުޅި އަންނަ ވަގުތު "މި އަންނަނީ ރުޅި" ކަން އަމިއްލަ ނަފްސަށް ދެނެގަތުމެވެ.
އެންމެ ގަދަފަދަ މީހަކީ ރުޅި އަންނަ ވަގުތު އަމިއްލަ ނަފްސު ކޮށްންޓްރޯލް ކުރާ މީހާއެވެ. އެންމެ ނިކަމެތި މީހާއަކީ ރުޅި އަންނަ ވަގުތު ހަވާ ނަފްސުގެ ތެރެއަށް އަމިއްލަ ނަފްސު ދޫކޮށްލާ މީހާއެވެ. އެހެންކަމުން، ކެތްތެރިކަން އިސްކޮށް ރުޅި މެނޭޖްކުރުމަކީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.