ޚަބަރު
ބަންދުގައިވެސް އެޗްޑީސީގެ 1516 އިން 24 ގަޑިއިރު ޚިދުމަތް ލިބޭނެ
އެޗްޑީސީ ބިލްޑިންގް - ފޮޓޯ : އެޗްޑީސީ
1447ވަނަ އަހަރުގެ ހައްޖު ދުވަހާއި އަޟުހާ އީދުގެ ބަންދު ދުވަސްތަކާ ދިމާކޮށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކޯލް ސެންޓަރު 24 ގަޑިއިރު ހުޅުވިފައި ހުންނާނެ ކަމަށް އެޗްޑީސީއިން ބުނެފިއެވެ.
އެ ކޯޕަރޭޝަނުން މިއަދު ހާމަކުރި ގޮތުގައި، ހައްޖު ދުވަހާއި އީދު ދުވަހުގެ ރަސްމީ ބަންދުގައި އެޗްޑީސީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ޚިދުމަތްތައް މެދުކަނޑާލުމަށް ވަނީ ނިންމާފައެވެ. ނަމަވެސް، ބަންދު ދުވަސްތަކުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން، އެ ކޯޕަރޭޝަނުގެ ކޯލް ސެންޓަރުގެ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެއެވެ.
އެގޮތުން، މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް، އެޗްޑީސީގެ ކޯލް ސެންޓަރުގެ ނަންބަރު 1516 މެދުވެރިކޮށް 24 ގަޑިއިރު އާންމުންނަށް ބޭނުންވާ އެހީތެރިކަމާއި މައުލޫމާތު ފޯރުކޮށްދެމުންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ކުރިއަށް އޮތް ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރުން ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، އެޗްޑީސީން މި ބަދަލު ގެނެސްފައިވަނީ އާންމު ރައްޔިތުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތައް އެއްވެސް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ.
އެޗްޑީސީން އިތުރަށް ބުނީ، އެ ކޯޕަރޭޝަނުގެ އަމާޒަކީ އަބަދުވެސް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ވީހާވެސް ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުން ކަމަށެވެ. އެހެންކަމުން، ޚިދުމަތް ހޯއްދަވާ ފަރާތްތަކުން މި ބަދަލުތަކަށް ސަމާލުކަން ދެއްވުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.
މި ބަންދު ދުވަސްތަކުގައިވެސް ކޯލް ސެންޓަރު މެދުވެރިކޮށް ކޮންމެ ވަގުތަކުވެސް އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާތީ، އާންމުންނަށް ދިމާވާ އެކި ކަންކަމުގައި އެ ނަންބަރަށް ގުޅުއްވުމަށް އެޗްޑީސީން އިލްތިމާސްކުރެއެވެ.