ޚަބަރު
ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ފުލުހުންގެ އިލްތިމާސެއް
ރާއްޖޭގެ މޫސުން ގޯސް ކަނޑު ގަދަ ދުވަހެއް.
ރާއްޖޭގެ މޫސުން ގޯސްވެ، ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ވިދާޅުވެފައިވަނީ މޫސުން ގޯސްވެ ކަނޑު ގަދަވުމާ ގުޅިގެން ކަނޑުދަތުރަށް ފުރުމުގެ ކުރިން އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަންކަމެއް ފުރިހަމަވެފައިވޭތޯ ޔަގީންކުރަންޖެހޭނެ ކަމަށެވެ. އަދި ޒަރޫރީ ބޭނުންތަކަށް ކުރާ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މި ދުވަސްވަރު ނުކުރުމަށްވެސް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.
ދަތުރުވެރިންނާއި އުޅަނދު ދުއްވާ ފަރާތްތަކުގެ ސަމާލުކަމަށް
ކަނޑު ދަތުރުފަތުރު ކުރުމުގައި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، އުޅަނދަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން ނޭރުވުމަށާއި، މުދާ ބަރުކުރުމުގައިވެސް ކަނޑައެޅިފައިވާ މިންގަނޑަށްވުރެ އިތުރަށް މުދާ ނޭރުވުމަށް ފުލުހުން ވަނީ އިރުޝާދު ދެއްވާފައެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދުވެސް ދެ ފަހަރެއްގެ މަތިން ވަނީ މޫސުމީ އެލާޓް ނެރެފައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް އަންނަ ބަދަލުތައް ގާތުން ބަލަމުން ގެންދިއުމަކީ މުހިންމު ކަމެކެވެ.