Ads by Farudhun

ޚަބަރު

ފުރިހަމަ ގޮތުގައި ޙައްޖު އަދާކޮށްފި މީހާއަށް ސުވަރުގެ މެނުވީ ނުވޭ: ޚުޠުބާ

ފުރިހަމަ ގޮތުގައި ޙައްޖު އަދާކޮށްފި މީހާއަށް ސުވަރުގެ މެނުވީ ނުވޭ: ޚުޠުބާ

މަސްޖިދުލް ޙަރަމް---

farudhun logo

ފަރުދުން

22 މޭ 2026، 03:21

22 މޭ 2026، 03:21

ފުރިހަމަ ގޮތުގައި ޙައްޖު އަދާކޮށްފި މީހަކީ މައިމީހާގެ ބަނޑުން އުފަންވި ދުވަހެކޭ އެއްފަދަ ކަމެއްކަމަށާއި، އެފަދަ މީހަކަށް ސުވަރުގެ ނޫނީ ނުވާކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ޙައްޖުގެ އަޅުކަމުން ލިބޭ ފިލާވަޅުތަކަށް އަލިއަޅުވާލައި ޚުޠުބާގެ މިއަދުގެ މަޢުޟޫގެ ދަށުން ބުނެފައިވަނީ، ޙައްޖަކީ އިންސާނާގެ ދުންޔަވީ ހަޔާތުގެ ކުޑަކުޑަ ދަތުރެއް ކަމަށާއި، ޙައްޖުވެރިޔާ އިޙުރާމް ބަންނަ ހިނދުން ފެށިގެން ޙައްޖުގެ މަނާސިކުތައް ނިމޭންދެން ކުރިއަށްދާ ގޮތަށް، އިންސާނާ އޭނާގެ ޙަޔާތުގައި ދުންޔަވީ ދުވަސްތައް ވޭތިކުރަމުންދާކަމަށެވެ. 

ޙައްޖުގެ މުހިންމު ކަމަށް އަލިއަޅުވާލައްވަމުން ރަސޫލA ޙަދީޘްކުރައްވައިފައި ވެއެވެ.

(مَنْ حَجَّ لِلَّهِ فَلَمْ يَرْفُثْ وَلَـمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ)

މާނައީ: "ޙައްޖުވުމުގެ ތެރޭގައި ޖިމާޢުވުމެއް، އުރެދުމެއް ނެތި، މާތް اللهގެ ވަޖުހުފުޅު އަދައި، ޙައްޖުވެއްޖެ މީހާ، މައިމީހާގެ ބަނޑުން އޭނާ އުފަންވީ ދުވަހެކޭ އެއްފަދައިން އެނބުރި އަތުވެއްޖެއެވެ." 

ޚުޠުބާގައި ބުނީ، ޙައްޖުވެރިޔާ އިޙުރާމު ބަންނަ ވަގުތުން ފެށިގެން ދުރުހެލިވާން ޖެހޭ، ކަންތައްތަކަކާއި، އަދާކުރާން ޖެހޭ ވާޖިބުތަކެއްވާ ކަމަށެވެ. އެއީ ކޮންމެ މުއުމިނަކު ވެސް މާތް اللهއަށް ކިޔަމަންގަތުމަށް ދެވޭ ތަމްރީނުތަކެއް ކަމުގައެވެ. އަދި މާތް اللهގެ އަމުރުފުޅުތަކަށް އިޖާބަދިނުމަށާއި الله މަނާކުރައްވައިފައިވާ ކަންތައްތަކާ ދުރުހެލިވުމަށްދެވޭ ޢަމަލީ ތަމްރީނުތަކެއް ކަމުގައެވެ. ޙައްޖުގެ މަނާސިކުތައް އަދާކޮށް، އެކަލާނގެ ޝަޢާއިރުތައް މަތިވެރިކޮށްފި މީހަކަށް ހުރިހައި ވަގުތެއްގައި އަދި ހުރިހައި ތަނެއްގައި ވެސް މާތް اللهގެ އަމުރުފުޅުތަކަށް އިޖާބަދިނުމަކީ ބުރަ އުނދަގޫ ކަމަކަށް ނުވާނެކަމަށް ވެސް ޚިޠުބާގައި ވަނީ ބުނެފައެވެ. 

ޙައްޖުގެ ދަތުރަށް އަލިއަޅުވާލަމުން ބުނެފައި ވަނީ، ކަންތައްތަކެއް އިޙުރާމް ބަނުމުގެ ސަބަބުން ޙަރާމްވާނެ ކަމަށާއި، އޭނާގެ ނަފުސަށް އެ ކަންތައްތައް މަނާކުރެވުނު މީހާއަށް އޭނާގެ ޙަޔާތުގެ ރާސްތާގައި މާތް الله ޙަރާމްކުރައްވައިފައިވާ ކަންތައްތަކާ  ދުރުހެލިވެވޭނެ ކަމަށެވެ. 

ޙައްޖުވެރިޔާ ޙައްޖުގެ އެއް ނުސުކުން އަނެއް ނުސުކަށް ނަޤުލުވާ ނަޤުލުވުމަކީ، ދުންޔަވީ ޙަޔާތުގެ ދުވަސްތަކުގައި އެއް ކިޔަމަންތެރިކަމުން އަނެއް ކިޔަމަންތެރިކަމަށް ނަޤުލުވާ ނަޤުލުވުންތައް ހަނދުމަކޮށްދޭނޭ ކަމެއްކަމަށް ވެސް ޚުޠުބާގައި ބުނެފައި ވެއެވެ. އެގޮތުން ޙައްޖުވެރިޔާ އޭނާގެ ޢަޒުމު ވަރުގަދަކޮށް، ހިތްނިޔަތް ޚާލިޞްކޮށް ހެޔޮ ރަނގަޅު ގޮތުގައި މަނާސިކުތައް އަދާކޮށްފި ނަމަ އޭނާއަށް އެ ލިބުނީ ވަރުގަދަ ތަމްރީނެއް ކަމަށާއި، މި ގޮތަށް ޙައްޖުގެ މަނާސިކުތައް އަދާކުރެވުމުން ޙައްޖުވެރިޔާއަށް ހިތްހަމަޖެހުން ލިބޭނެކަމަށް ވެސް ބުނެފައިވެއެވެ.

ތަމައްތުޢު ޙައްޖުކުރާ މީހާ ޢުމުރާގެ އަޅުކަން ފުރިހަމަކޮށް ތަޙައްލުލުވުމަށް ފަހު ޙައްޖުމަހުގެ އަށްވަނަދުވަސް އަންނަންދެން މައްކާގައި މަޑުކުރާނީއެވެ. ދެން ޙައްޖުމަހުގެ އަށްވަނަ ދުވަހު ޙައްޖަށް އިޙުރާމް ބަނދެ، ދާނީ މިނާއަށެވެ. އެއީ ސުންނަތްވެގެންވާ ކަމެކެވެ. ނުވަވަނަ ވިލޭރޭ މިނާގައި ރޭކުރުމަށް ފަހު ނުވަވަނަ ދުވަހު ދާނީ ޢަރަފާތަށެވެ. އެއީ ޙައްޖުގެ އެންމެ މަތިވެރި ރުކުނެވެ. އެ ބަރަކާތްތެރި ބިމުގައި މާތް اللهގެ ޙަޟުރަތަށް ކުއްތަންވެ ފާފަ ފުއްސެވުމަށް އެދި ދުޢާކުރުމަށް އިރުއޮއްސޭންދެން ތިބުމަށް ފަހު ދާނީ މުޒްދަލިފާއަށެވެ. އެތާނގައި މަޣްރިބު ނަމާދާއި ޢިޝާނަމާދު އިސްކޮށް ޖަމްޢުކޮށް ޤަޞްރުކުރުމަށް ފަހު އިރުއަރާންދެން މުޒުދަލިފާގައި ތިބޭނީއެވެ. އަދި ޢީދު ދުވަހު މިނާއަށް ގޮސް ހިލަ އުކައި ބޯބާލައި ނުވަތަ ބޯ ކޮށައި، ހަދުޔުކަތިލާނީއެވެ. އެއަށް ފަހު ތަޙައްލުލުވެ ޠަވާފުލްއިފާޟާ ކުރާނީއެވެ. ދެން މިނާގައި ދެ ދުވަހު ނުވަތަ ތިން ދުވަހު ތިބެ، ޖަމްރާތަކަށް ހިލައުކާނީއެވެ. ޙައްޖު ނިންމައިލުމުގެ ގޮތުން ދެން އޮންނާނީ ވަދާޢީ ޠަވާފެވެ. 

ޙައްޖަކީ އެހެނިހެން އަޅުކަންތަކާ ޚިލާފަށް ވަރަށް ބުރަ އަޅުކަމެކެވެ. އެ ކަމުގައި ތިމާގެ ޖާނާއި މުދާ ހޭދަކުރާން ޖެހޭ ކަމެކެވެ. އެ ކަމުގައި ދަތުރުފަތުރު ހިމެނެއެވެ. ބައިބޯކަމާއި ކާރުބާރު ބޮޑުކަން ހިމެނެއެވެ. އެހެންވުމުން އުރެދުންތަކަށް އަރައިނުގަނެ، ކެތްތެރިވެ، ދޫރައްކާތެރިކޮށް، މަޑުމައިތިރިވެ ޝަހުވާނީ އެދުންތަކުން ދުރުހެލިވެ ޙައްޖުގެ މަނާސިކުތައް އަދާކުރުމަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450