Ads by Farudhun

ޚަބަރު

އަދުގެ ރައީސަށް ލޯނު ދައްކަވަން ނޭނގޭ ކަމަށް ބުނެ ނަޝީދު ހެއްދެވީ ދޮގު

އަދުގެ ރައީސަށް ލޯނު ދައްކަވަން ނޭނގޭ ކަމަށް ބުނެ ނަޝީދު ހެއްދެވީ ދޮގު

ރައީސް ނަޝީދު - ފޮޓޯ : ފަރުދުން

22 މޭ 2026، 05:57

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ދައުލަތުގެ ލޯނުތައް ދައްކަން އެނގިވަޑައިނުގަންނަވާ ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހެއްދެވީ ދޮގުފުޅެކެވެ.

ނަޝީދު އެމްޑީޕީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އަދުގެ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއަށް ލޯނު ދައްކަވަންވެސް ނޭނގޭ ކަމަށެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސަށް ލޯނު ދައްކަވަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.

ނަޝީދު މިފަދަ ތުހުމަތުތަކެއް ކުރެއްވިއިރު، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ސަރުކާރުން ވަނީ މާލީ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ވޭތުވެދިޔަ ދެ ސަރުކާރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި ރައީސް އަބުދﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން 1 ބިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގެ ފައިސާ މި ސަރުކާރުން ވަނީ ކާމިޔާބުކަމާއެކު ދައްކާ ޚަލާސްކޮށްފައެވެ.

މިކަމުން ދޭހަވަނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ގައުމުގެ މާލީ ހާލަތު ބެލެހެއްޓުމުގައާއި، ދަރަނިން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތުގެ ހަރުދަނާކަން ކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ. އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަކީ ސަރުކާރުގެ އަގު ވައްޓާލުމަށް ކުރާ ސިޔާސީ މަސައްކަތެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ހާމަކަން ބޮޑު ސިޔާސަތެއްގެ ދަށުން، ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި، ގައުމަށް ފައިދާހުރި ކަންކަމާ ގުޅޭ މައުލޫމާތު ހިއްސާކުރުމުގެ އިންތިޒާމުތައް ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. މިއީ ސަރުކާރުގެ މަސައްކަތްތައް ރައްޔިތުންނަށް ގާތުން އޮޅުންފިލުވައިދިނުމަށް ރައީސް އިސްނަންގަވައިގެން ކުރިއަށްގެންދަވާ މުހިންމު މަސައްކަތެކެވެ.

އިދިކޮޅު ފަރާތްތަކުން  ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށާއި ރައްޔިތުންނަށް ވަގުތު ދެއްވެން ނެތް ކަމަށް ތުހުމަތު ކުރި ނަމަވެސް، ރައީސް ޑރ މުއިއްޒު ގެންދަވަނީ ރެއާއި ދުވާލު ރައްޔިތުންގެ ހައްގުގައި މެދުކެނޑުމެއްނެތި މަސައްކަތް ކުރައްވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450