ޚަބަރު
ޔާމީނަށް އަދިވެސް އެންމެ ހެޔޮއެދޭ ލީޑަރަކީ ރައީސް މުއިއްޒު: ޝުޖާއު
އެމްޕީ ޝުޖާއު - ފޮޓޯ : ޝުޖާއު ފޭސްބުކް
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ މެދު އަދިވެސް އެންމެ ހެޔޮހިތަކުން ދެކެވަޑައިގަންނަވާ އަދި އެންމެ އޯގާތެރި ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މިދިޔަ އޭޕްރީލް މަހު ބޭއްވި ކައުންސިލް އިންތިހާބުގައި އއ. ތޮއްޑޫގެ ގޮނޑިތައް ޕީއެންސީން ކާމިޔާބު ކުރުމާ ގުޅިގެން، އެ ކާމިޔާބީ ފާހަގަކުރުމަށް ރޭ އެ ރަށުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ރައީސް ޔާމީނާ ދޭތެރޭ ހަޑިކޮށް ބަސް ނުބުނުމަށް ރައީސް މުއިއްޒު ތަކުރާރުކޮށް އިރުޝާދު ދެއްވަމުން ގެންދަވާ ކަމަށެވެ.
"އަޅުގަނޑު މިރޭ ރައީސް ޔާމީނަށް ދަންނަވަން ބޭނުންވަނީ މަނިކުފާނާއި ދޭތެރޭ އެންމެ ހެޔޮހިތަކުން، އެންމެ އޯގާތެރިކަމާއެކުގައި އަދިވެސް ދެކެވަޑައިގަންނަވާ ބޭފުޅަކީ ރައީސް މުއިއްޒު. ރައީސް މުއިއްޒު އަޅުގަނޑުމެންނަށް ތަކުރާރުކޮށް އަންގާ އެންގުމަކީ ޔާމީނާއި ދޭތެރޭ ކުޑަވެސް ހަޑިކޮށް ބަސް ނުބުނުމަށް. އޭގެން ވެސް ދޭހަކޮށްދެނީ ރައީސް މުއިއްޒުގެ ހިތްޕުޅުގައި ޔާމީނަށް އޮތް އޯގާތެރިކަން،" ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، ރައީސް ޔާމީން މިހާރު ރައީސް މުއިއްޒާ ގުޅުވައިގެން ވަރަށް ހަޑިހުތުރު ވާހަކަދައްކަވަމުން ގެންދަވާތީ ޕީއެންސީގެ އާންމު މެންބަރުން އެކަމާ ހިތާމަކުރާ ކަމަށެވެ. އަދި އެފަދަ ވާހަކަތަކަށް ރައީސް މުއިއްޒު ރައްދު ނުދެއްވަނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފައްދާކަން ފާހަގަކުރައްވައި، ޝުޖާއު ވިދާޅުވީ އެއީ އެއްވެސް ރައްދެއް ނުދިނުމަށް ރައީސް އަމަލީ ގޮތުން އަންގަވާފައިވާތީ ކަމަށެވެ.
ރައީސް ޔާމީންގެ އަރިހުގައި މިހާރު ތިއްބެވި ބޭފުޅުންނަށް ފާޑުވިދާޅުވަމުން ޝުޖާއު ވިދާޅުވީ، އެ ބޭފުޅުންނާއި ސަރުކާރާ ދެމެދު މައްސަލަ ޖެހުނީ މަގާމުގެ ދަހިވެތިކަމުގައި ކަމަށެވެ. މި ސަރުކާރުގެ ކެބިނެޓުން އެ ބޭފުޅުންނަށް ޖާގަ ދެއްވި ނަމަ، މިއަދު ރައީސް ޔާމީންގެ އަރިހުގައި އެ ބޭފުޅުން ފެންނަން ނުތިބޭނެ ކަމަށާއި، ކޮންމެ މީހަކުވެސް މަސައްކަތް ކުރަނީ އަމިއްލަ އެދުމަށްޓަކައި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ޝުޖާއުގެ ވާހަކައިގައި، ރައީސް ޔާމީން ބައެއް ފަހަރު ދައްކަވާ ވާހަކަފުޅުތަކަކީ "ހަމަހޭގައި" ހުރެގެން ދައްކަވާ ވާހަކަފުޅުތަކެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވިދާޅުވެ، ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
މި ޖަލްސާއަކީ އއ. ތޮއްޑޫ ކައުންސިލްގެ ގޮނޑިތައް ޕީއެންސީން ކާމިޔާބު ކުރުމުގެ އުފަލުގައި ބޭއްވި ޖަލްސާއެކެވެ. މި ޖަލްސާގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ޕީއެންސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވިއެވެ.