Ads by Farudhun

ޚަބަރު

ނާޒިމްއާއެކު ޕީއެންސީގެ އެއްވެސް މެންބަރަކު ނުދާނެ، ތިޔަކަމާ ނޫޅުއްވާ! ޝުޖާއު

ނާޒިމްއާއެކު ޕީއެންސީގެ އެއްވެސް މެންބަރަކު ނުދާނެ، ތިޔަކަމާ ނޫޅުއްވާ! ޝުޖާއު

އެމްޕީ ޝުޖާއު - ފޮޓޯ : ޝުޖާއު ފޭސްބުކް

23 މޭ 2026، 09:32

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އޭނާއާއެކު ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ އެއްވެސް މެންބަރަކު ވަޑައިނުގަންނަވާނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޝުޖާއު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅޭތީ ނާޒިމް މަގާމުން ވަކިކުރަން އުޅޭ ކަމަށް ބުނެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ. ނާޒިމްއާއެކު ޕީއެންސީގެ 23 މެންބަރަކު ތިއްބެވި ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް، ޝުޖާއު ވަނީ އެކަން ސީދާ ދޮގުކުރައްވާފައެވެ.

މިދިޔަ އޭޕްރީލް މަހު ބޭއްވި ކައުންސިލް އިންތިހާބުގައި އއ. ތޮއްޑޫއިން ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، މަޖިލިސް މެންބަރުންނަށް ލިބޭ ސިޔާސީ މަގާމުތަކަކީ ޕާޓީގެ އުސޫލުތަކަށް ތަބާވުމުން ލިބޭ ފުރުސަތުތަކެއް ކަމަށެވެ. އަދި މަގާމެއްގައި ހުންނަ މީހެއްގެ އިތުބާރު ގެއްލިއްޖެ ނަމަ، އެ މީހަކު ވަކިކުރުމަކީ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން އޮންނަ އުސޫލު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އިތުބާރު ނެތް މީހަކާއެކީގައި ދާނެ އެއްވެސް އިއްޒަތްތެރި މެމްބަރެއް އަޅުގަނޑުމެންގެ ޕާޓީގައި ނުހުންނާނެ. ނަޝީދުމެން މިކަމާ ނޫޅުއްވާ،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، ޕީއެންސީގެ އެތެރޭގެ ކަންކަމުގެ ތެރެއަށް އެމްޑީޕީން ނުވަތަ އިދިކޮޅު ފަރާތްތަކުން ވަންނަން ނުޖެހޭނެ ކަމަށެވެ. އަދި ނާޒިމް ވެސް ޕީއެންސީ ދޫކޮށް ވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ނާޒިމް މަގާމުން ވަކިކުރުމަށް ޕީއެންސީން ހުށަހެޅި ގަރާރުގައި މަޖިލީހުގެ 73 މެންބަރުން ވަނީ ސޮއިކުރައްވާފައެވެ. އޭނާގެ މައްޗަށް މައިގަނޑު ގޮތެއްގައި ތުހުމަތުކޮށްފައިވަނީ މަޖިލީހުގެ މަސްލަހަތު ގެއްލުވާލުމަށް މަސައްކަތް ކުރެއްވުމެވެ. މި މައްސަލައިގައި ގޮތެއް ނިންމުމަށް މި ހަފްތާގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ ކަމަށް ބެލެވެއެވެ.

މި މައްސަލަ ހޫނުވެފައިވާއިރު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ސަރުކާރު ކޯލިޝަނުން ދަނީ ޕާޓީގެ ބަދަހިކަން ދެމެހެއްޓުމަށް ބާރުއަޅަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450