ޚަބަރު
ރިޔާސީ އިންތިޚާބު ނާކާމިޔާބުވީ ރައީސް ސޯލިހުގެ މަގުބޫލުކަން ކުޑަވުމުން: ރައީސް ނަޝީދު
ރައީސް ނަޝީދު، ރައީސް ސޯލިހު -- ފޮޓޯ : ވަން
2023 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ކުރިމަތިލާންޖެހުނު ނާކާމިޔާބީގެ އެންމެ ބޮޑު ސަބަބަކީ އެ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހަށް އޮތް މަގުބޫލުކަން ކުޑަވުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނު ގެންގުޅުއްވާ ކަމަށް ބެލެވޭ ނުރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. މީގެ އިތުރުން، މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ވެސް ރައީސް ނަޝީދު ވަނީ ސިޔާސީ ކަންކަމުގައި ރައްޔިތުންގެ އިހުސާސްތަކަށް "ރިއެކްޓް" ނުކޮށް ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ނުސީދާ ގޮތެއްގައި ރައީސް ސޯލިހަށް ފާޑުވިދާޅުވެފައެވެ.
MDP ah 2023 gehlunu enme bodu sababakee eyfaharuge candidate Raees Solih ah oia magbool kan kudavun.
— MN unofficial (@anedhivehirajje) May 23, 2026
2023 ގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 83,170 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 39 އިންސައްތައެވެ. އެ ބުރުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 98,144 ވޯޓު ހޯއްދަވާފައެވެ. އެއީ 46 އިންސައްތަ ވޯޓެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް މުޢިއްޒު ވަނީ ރައީސް ސޯލިހުގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ. އެގޮތުން ރައީސް މުޢިއްޒު 129,159 ވޯޓު (54 އިންސައްތަ) ހޯއްދެވިއިރު، ރައީސް ސޯލިހަށް ލިބިވަޑައިގަތީ 109,868 ވޯޓެވެ. އެއީ 45 އިންސައްތައެވެ.
މި ނާކާމިޔާބީއާ ގުޅިގެން އެމްޑީޕީގެ ތެރޭގައި ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދި، ޕާޓީ ދެފަޅިވެފައެވެ. އެގޮތުން އެއް ފަޅީގައި ރައީސް ނަޝީދާއި ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ތިއްބެވިއިރު، އަނެއް ފަޅީގައި ތިއްބެވީ ރައީސް ސޯލިހާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމެވެ.
އެމްޑީޕީގެ އެތެރޭގެ ސިޔާސީ މަސްރަހު އިތުރަށް ހޫނުވެފައިވަނީ، ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެކަން މީކާއީލް ނަސީމާއި ރައީސް ނަޝީދު އިޢުލާން ކުރެއްވުމާ ގުޅިގެންނެވެ. މިއީ ކުރިއަށް އޮތް ދުވަސްތަކުގައި އެމްޑީޕީގެ ތެރޭގައި އުފެދޭނެ ބޮޑު ވާދަވެރިކަމެއްގެ ފެށުން ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.