Ads by Farudhun

ޚަބަރު

ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ މުއްދަތު ޖޫން 15 އަށް އިތުރުކޮށްފި

ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ މުއްދަތު ޖޫން 15 އަށް އިތުރުކޮށްފި

ހުޅުމާލޭގެ ފްލެޓް - ފޮޓޯ : ރައީސް އޮފީސް

23 މޭ 2026، 03:37

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ދީފައިވާ މުއްދަތު އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ކުރިން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާގޮތަށް އޮތް މި މުއްދަތު އިތުރުކުރަން ނިންމީ، ކުރިއަށް އޮތް އަޟްޙާ އީދު ބަންދާ ގުޅިގެން ގިނަ ބަޔަކު ރަށުން ބޭރަށް ދިއުމާއި، ސަރުކާރު ބަންދުވުމުގެ ސަބަބުން ބޭނުންވާ ލިޔެކިއުންތައް ހޯދުމުގައި އާންމުންނަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާތީ ކަމަށެވެ.

އާ އިއުލާނާއެކު، މާލެ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ ހުރިހާ ސްކީމްތަކަކަށް ޖޫން 15 ވަނަ ދުވަހުގެ ރޭ 23:59 އާ ހަމައަށް ފޯމު ހުށަހެޅޭނެއެވެ. މިނިސްޓްރީން ވަނީ ފޯމު ހުށަހެޅުމުގެ ކުރިން، އެދޭ ސްކީމަކީ ރަނގަޅު ސްކީމްތޯއާއި، ހުރިހާ ލިޔެކިއުންތަކެއް ފުރިހަމައަށް ހުރިތޯ ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން ފްލެޓު ދޫކުރުމަށް 15 ކެޓަގަރީއެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި:

  • މާލޭގެ ރަށްވެހިންނަށް: 4,000 ފްލެޓު (މީގެ ތެރޭގައި މާލޭގެ ގެތަކުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 2,200، ވިލިމާލޭގެ ރަޖިސްޓްރީއަށް 300، ދަފްތަރުގައި ތިބި ފަރާތްތަކަށް 1,000، އަދި ފަހުން މާލޭގައި ރަޖިސްޓްރީވި ފަރާތްތަކަށް 500 ފްލެޓު ހިމެނެއެވެ).
  • މާލޭގައި ދިރިއުޅޭ، އެހެން ރަށްރަށުގެ ރަށްވެހިންނަށް: 1,500 ފްލެޓު.

ގޯތި ދޫކުރުމުގެ މަޝްރޫޢު ބެހިފައިވަނީ މައިގަނޑު ދެ ބަޔަކަށެވެ. ކެޓަގަރީ 1 ގައި ހިމެނޭ މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރާނީ ގްރޭޓާ މާލެ ސަރަހައްދުންނާއި މިހާރު ހިއްކަމުންދާ ރަސްމާލެއިންނެވެ. މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިން (ކެޓަގަރީ 2) އަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ.

ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ އަދަދުތަކަކީ:

މާލޭ ރަށްވެހިންގެ ކެޓަގަރީން: 10,000 ގޯތި.
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް: 3,000 ގޯތި.
ބިން ކުޑަވުމުގެ ސަބަބުން ގެދޮރު ހޯދުމަށް ދަތިވެފައިވާ ފަރާތްތަކަށް: 500 ގޯތި.
ހަނި ގޯޅިތަކުގައި ހުރި ދަތި ގޯތިތައް ބަދަލުކުރާ ފަރާތްތަކަށް: 1,500 ގޯތި.

މި ސްކީމްތަކަށް އެދި ފޯމު ހުށަހަޅަންޖެހެނީ ހައުސިން މިނިސްޓްރީގެ ޚާއްސަ ޕޯޓަލް މެދުވެރިކޮށެވެ. މިއީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ފަށާފައިވާ އެންމެ ބޮޑު އެއް މަޝްރޫޢެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450