ޚަބަރު
ރައީސް އޮފީހަށް ހުށަހެޅި ހުރިހާ އާރުޓީއައިތަކަށް ޖަވާބުދީ ނިންމައިފި: ތަރުޖަމާނު
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ފޮޓޯ: ރައީސް އޮފީސް
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފައިވާ ހުރިހާ އާރުޓީއައި ތަކަކަށް ޖަވާބުދީ ނިންމާފައިވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަން ފިޔަވައި، އިއްޔެގެ ނިޔަލަށް ރައީސް އޮފީހަށް ހުށަހެޅި ހުރިހާ މައުލޫމާތު ހޯދުމުގެ ހުށަހެޅުންތަކަށް ޖަވާބުދީ ސާފުކޮށްފައިވާ ކަމަށެވެ.
"އިއްޔެގެ ނިޔަލަށް އަޅުގަނޑުމެން ސާފުކޮށްލީމި. އިރާދަކުރެއްވިއްޔާ މިހާރު އެހެން ގާނޫނެއްގެ ތެރެއިން އަޅުގަނޑުމެންނަށް ހިއްސާނުކުރެވޭނެ މައުލޫމާތެއް ނޯންނާނެ. މިސާލަކަށް ޕްރައިވަސީގެ ކަމެއް ނަމަ ބަލަންޖެހޭނެ. އަޅުގަނޑުމެން ދޭ މައުލޫމާތަކީ ދެވޭނެ މައުލޫމާތެއްތޯ އެބަ ބަލަންޖެހޭ،" ތަރުޖަމާނު ވިދާޅުވިއެވެ.
ރައީސް އޮފީހަށް ހުށަހަޅާ ހުރިހާ އާރުޓީއައިތަކަށް ޖަވާބު ލިބޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ދެއްވާފައެވެ. އެމަނިކުފާނު މި ޔަގީންކަން ދެއްވީ މި މަހުގެ 11 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އެހެން އިދާރާތަކުން ވެސް އާރުޓީއައިތަކަށް ވީހާވެސް އަވަހަށް ޖަވާބު ދިނުމަށް ބާރުއަޅަމުންދާ ކަމަށެވެ. އަދި ގާނޫނުގެ ދަށުން އިދާރާތަކުން އިސްވެ މައުލޫމާތު ހާމަކުރަންޖެހޭ ބައި ފުރިހަމަކުރުމަށްޓަކައި، ސަރުކާރުގެ އިދާރާތަކުގެ ވެބްސައިޓުތަކުން މައުލޫމާތު ފެންނާނެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މައުލޫމާތު ހާމަކުރުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް މެދުވެރިކޮށް ވެސް ކަންކަން ބަލަމުންދާކަން ފާހަގަކުރައްވައި، ތަރުޖަމާނު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވަނީ ވީހާވެސް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް މައުލޫމާތު ހިއްސާކުރެވޭނެ ނިޒާމެއް ގާއިމުކުރަން ކަމަށެވެ.
ނަމަވެސް، ގައުމީ ސަލާމަތާ ގުޅުންހުރި ނާޒުކު މައުލޫމާތުތައް ހޯދަން ހުށަހެޅި ނަމަވެސް، އެފަދަ މައުލޫމާތު ހިއްސާ ނުކުރެވޭނެ ކަމަށް ތަރުޖަމާނު ތަކުރާރުކޮށް ވިދާޅުވިއެވެ.