ޚަބަރު
މިނާ އާއި އަރަފާތުގައި ދިވެހީން ތިބޭ ޓެންޓުތައް ތައްޔާރުގައި: ޙައްޖު މިޝަން
މިނާގެ ޓެންޓު ތެރޭގެ ފޮޓޯއެއް / ފޮޓޯ: ޙައްޖު މިޝަން
މިނާ އާއި އަރަފާތުގައި ދިވެހި ޙައްޖާޖީން ތިބޭ ޓެންޓުތައް ތައްޔާރުގައި ހުރިކަމަށް، ދިވެހިރާއްޖޭގެ ޙައްޖު މިޝަނުން ހާމަކޮށްފިއެވެ.
އެ މިޝަނުން މިކަން ހާމަކޮށްފައި މިވަނީ، މިރޭ މައްކާ ގަޑިން 9:30 ގައި ދިވެހި ޙާޖީން މިނާއަށް ދަތުރު ފެށުމަށް ހަމަޖެހިފައި ވަނިކޮށެވެ. އަދި އެއަށްފަހު ޢަރަފާތު ދަތުރު ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ރެއެވެ.
ޙައްޖު މިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ދިވެހި ޙާޖީންނަށް މިނާއަށް ދެވޭނީ ފަތިސް ވަގުތުއެވެ. އެ ދަތުރަށް އެހާ ގިނަ ވަގުތު ހޭދަވަނީ މައްކާގެ މަގުތަކުގެ ޓްރެފިކް ފްލޯ މި ދުވަސްވަރު ބާރުބޮޑުކަމުންނެވެ.
މިނާގައި ޓެންޓުތައް ހުންނާނީ އަންހެނުންނަށާއި ފިރިހެނުންނަށް ވަކިންނެވެ. ޓެންޓުގައި ކޮންމެ ހާޖީއަކަށް ސޯފާ ބެޑަކާއި ބާލިސް އަދި ބެޑްޝީޓް ހުންނާނެއެވެ. މީގެއިތުރުން މުސައްލަ، ކުޑަ، ފެންފުޅި، ހިލަކޮޅު ހޮވާފައި އަޅާ ކޮތަޅު، ކުޑަ ދަބަހެއް އަދި ބައެއް ކަހަލަ ރީތިވާ ސާމާނުވެސް ކޮންމެ މީހަކަށް ވަކިން، ޕެކޭޖެއްގެ ގޮތުގައި ލިބޭނެއެވެ.
މިނާގައި ދިވެހިން ތިބުމަށް ހަމަޖެހިފައިބާ ޓެންޓުތަކުގައި ނަމާދުކުރާ ސަރަޙައްދު / ފޮޓޯ: ޙައްޖު މިޝަން
އަދި ޓެންޓުތައް ހުރީ އޭސީކޮށްފައެވެ. ދިވެހިންނަށް 60 ފާޚަނަ ބަހައްޓާފައިވާއިރު، މީގެކުރިއާ އަޅާބަލާއިރު މިއީ 5 ގުނަ އިތުރު އަދަދެކެވެ.
މީގެއިތުރުން ޓެންޓު ސަރަޙައްދުގައި ކެއިންބުއިމަށް ޚާއްސަ ބުފޭ ސަރަޙައްދެއް ވެސް ހުންނާނެކަމަށް ޙައްޖު މިޝަނުން ހާމަކުރެއެވެ.
ހަމައެއާއެކު ޙާޖީންނަށް ތަފާތު ފިނި ބުއިންތައް އެއްވެސް އަގަކާ ނުލާ ލިބޭގޮތަށް، ޓެންޓުތައް ބޭރުގައި ފްރިޖްތައް ބަހައްޓާފައި ހުންނާނެކަމަށް ވެސް ޙައްޖު މިޝަނުން ހާމަކުރެއެވެ.