Ads by Farudhun

ޚަބަރު

ހުޅުމާލޭގައި އަލަށް ބިނާކުރި ޖަލު ޔުނިޓުގެ ފުރަތަމަ ބްލޮކް ނިންމައި ޤައިދީން ބަދަލުކުރަން ފަށައިފި

ހުޅުމާލޭގައި އަލަށް ބިނާކުރި ޖަލު ޔުނިޓުގެ ފުރަތަމަ ބްލޮކް ނިންމައި ޤައިދީން ބަދަލުކުރަން ފަށައިފި

ހުޅުމާލޭގައި އަލަށް ބިނާކުރި ޖަލު ޔުނިޓު ފޮޓޯ: މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 މޭ 2026، 10:14

25 މޭ 2026، 10:14

ހުޅުމާލޭގައި އަލަށް ބިނާކުރަމުންދާ ޖަލު އިމާރާތުގެ ފުރަތަމަ ސެލް ބްލޮކްގެ މަސައްކަތް ނިންމައި، އެ ތަނަށް ޤައިދީން ބަދަލުކުރަން ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތު ދޭ ގޮތުގައި، ހުޅުމާލޭ ޕްލޮޓް ނަންބަރު 10623 ގައި ބިނާކުރާ މި ދެ ބުރި އިމާރާތުގެ ފުރަތަމަ ބެޗްގައި ހިމެނޭ 16 ޤައިދީން އިއްޔެ ވަނީ އެ ޔުނިޓަށް ބަދަލުކޮށްފައެވެ. މި އިމާރާތަކީ ޖުމްލަ 140 މީހުންގެ ޖާގައިގެ، 5 ސެލް ބްލޮކް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ.

މިއީ ޙުކުމް ތަންފީޛުކުރަމުންދާ ޤައިދީންގެ ތެރެއިން، މާލޭ ސަރަޙައްދުގައި ފަންނީ އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާ ޤައިދީން ބޭތިއްބުމަށް ޚާއްޞަކޮށްގެން ބިނާކުރި ތަނެކެވެ. މި ޔުނިޓްތަކަކީ ހޯލްޑިންގ ސެލްތަކާއެކު، އޭސީ ކުރެވިފައިވާ، ފެންވަރު ރަނގަޅު ތަނެއްކަން ކަރެކްޝަންސްއިން ފާހަގަކުރެއެވެ.

މި މަޝްރޫޢުގެ ދަށުން ގްރައުންޑް ފްލޯގެ ހުރިހާ މަސައްކަތްތަކެއް ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައި ނިންމާލުމަށް ވަނީ އަމާޒު ހިފާފައެވެ. މި ބައި ނިމުމުން، އެކި ބޭނުންތަކަށް މާލެ ގެންނަންޖެހޭ ޤައިދީންނާއި ބަންދު މީހުން ބޭތިއްބުމުގައި ދިމާވާ ޖާގައިގެ ދަތިކަމަށް ބޮޑު ލުއެއް ލިބިގެންދާނެއެވެ.

ޚާއްޞަކޮށް ކޯޓުތަކަށާއި މެޑިކަލް ފަރުވާގެ ބޭނުމަށް މާލެ ގެންނަންޖެހޭ މީހުން ހުޅުމާލޭގައި ބޭތިއްބޭނެ އިންތިޒާމު ހަމަޖެހުމުން، ދަތުރުފަތުރަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުތަނުން ކުޑަވެގެންދާނެއެވެ. މިހާރު ކަރެކްޝަންސްއިން މި ޚިދުމަތް ދެމުންދަނީ ލޮޖިސްޓިކްސްގެ ދަތިކަމާއި، މޫސުމީ ގޮންޖެހުންތަކުގެ ސަބަބުން އޮފިސަރުންނަށް ބޮޑެތި ރިސްކުތަކެއް އޮތް ބުރަ މަސައްކަތެއްގެ ގޮތުގައެވެ.

މި އައު ޢިމާރާތާއެކު، ޤައިދީން ބެލެހެއްޓުމުގެ ނިޒާމަށް އިތުރު ފުރިހަމަކަމެއް އައިސް، މުވައްޒަފުންގެ މަސައްކަތްތަކަށް ލުއިފަސޭހަވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450