ދުނިޔެ / ޚަބަރު
ހިޒްބުﷲއަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެ ކަމަށް އިސްރާއީލުން ބުނެފި
ހިޒްބުﷲ އަށް ހަމަލާދިނުން- ފޮޓޯ : ޕީބީއެސް
ލުބުނާނުގެ ހިޒްބުﷲ ޖަމާއަތާ ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް އިތުރަށް ވަރުގަދަކުރަން އަމުރުކޮށްފައިވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
ނަތަންޔާހޫ މިހެން ބުނެފައިވަނީ ރޭ އާންމުކުރި ވީޑިއޯ މެސެޖެއްގައެވެ. އޭނާ ބުނި ގޮތުގައި އިސްރާއީލު މިހާރު އޮތީ ހިޒްބުﷲއާ އެކު ވަރުގަދަ ހަނގުރާމައެއްގެ ތެރޭގައެވެ. އަދި އެ ޖަމާއަތް ފުނޑުފުނޑުކޮށްލަނިވި ހަމަލާތަކެއް ދިނުމަށް އިސްރާއީލުގެ އަސްކަރިއްޔާއަށް މިހާރު ވަނީ އަންގާފައެވެ. ނަތަންޔާހޫ އިތުރަށް ބުނި ގޮތުގައި މިހާތަނަށް ދިން ހަމަލާތަކުގައި ހިޒްބުﷲގެ 600 އަށްވުރެ ގިނަ ހަނގުރާމަވެރިން ވަނީ ޝަހީދުކޮށްލާފައެވެ. ނަމަވެސް، މިހާރުގެ ހާލަތަށް ބަލައި ހަމަލާތަކުގެ ނުރައްކާތެރިކަން އިތުރުކުރަން ޖެހޭ ކަމަށް އޭނާ ފާހަގަކުރިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ލުބުނާނުގެ އިރުމަތީގައިވާ ބިގާ ވެލީއަށާއި އެހެނިހެން ސަރަހައްދުތަކަށް މިހާރު ވަނީ ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށާފައެވެ. މިއީ ހިޒްބުﷲއިން އިސްރާއީލަށް ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށް އިސްރާއީލުން ބުނެއެވެ.
އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން ހިޒްބުﷲއިން ބުނެފައިވަނީ، އިސްރާއީލުން ބޮޑެތި ހަމަލާތަކެއް ދެމުންދަނީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ކަމަށެވެ. އެގޮތުން ހިޒްބުﷲއިން ވަނީ ހޯމަ ދުވަހު އިސްރާއީލުގެ ސިފައިންނާއި، ޓޭންކުތަކާއި، އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ޑްރޯން އަދި ރޮކެޓް ބޭނުންކޮށްގެން 22 ހަމަލާއެއް ދީފައެވެ.
މި މަހުގެ ކުރީކޮޅު ލުބުނާނާއި އިސްރާއީލުން 45 ދުވަހުގެ މުއްދަތަށް ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އިތުރުކޮށްފައިވީ ނަމަވެސް، ދެފަރާތުގެ މެދުގައި ދަނީ މެދުކެނޑުމެއްނެތި ހަމަލާތައް ބަދަލުކުރެވެމުންނެވެ. މި އެއްބަސްވުމަށް ފަހު ވެސް އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުން 400 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ މެޑިކަލް މަސައްކަތްތެރިން ހިމެނެއެވެ. ހަމަ އެ މުއްދަތުގައި ހިޒްބުﷲގެ ހަމަލާތަކުގައި އިސްރާއީލުގެ 10 ސިފައިން ވަނީ ޝަހީދުވެފައެވެ.
މި ހަނގުރާމަ އިތުރަށް ފުޅާކުރުމަށް އިސްރާއީލުގެ ދެ ވަޒީރުން ކަމަށްވާ ބެޒަލްލް ސްމޮޓްރިޗް އަދި އިތަމާރު ބެން ގްވީރު ދަނީ ބާރުއަޅަމުންނެވެ. އެ މީހުން ވަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ވެސް ހަމަލާތައް ވަރުގަދަކުރުމަށް ގޮވާލާފައެވެ.
ލުބުނާނުގެ ރައީސް ޖޯސެފް އައުން ވަނީ އިސްރާއީލުގެ ސިފައިން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކުން ފޭބުމަށް ގޮވާލައްވާފައެވެ. މި މައްސަލައިގައި ދެ ގައުމުގެ މެދުގައި ކުރިއަށްދާ މަޝްވަރާތައް އަންނަ ހަފުތާގައި އެމެރިކާގެ ވޮޝިންގްޓަންގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.