Ads by Farudhun

ޚަބަރު

މާލެއިން ބޭރުގައި ހުޅުވި މިފްކޯގެ ފުރަތަމަ މަސްފިހާރަ އައްޑޫ ސިޓީގައި ހުޅުވައިފި

މާލެއިން ބޭރުގައި ހުޅުވި މިފްކޯގެ ފުރަތަމަ މަސްފިހާރަ އައްޑޫ ސިޓީގައި ހުޅުވައިފި

އައްޑޫގައި ހުޅުވި މިފްކޯގެ މަސް ފިހާރަ- ފޮޓޯ : މިފްކޯ

26 މޭ 2026، 11:13

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ އުފެއްދުންތައް އަތޮޅުތެރޭގެ ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އައްޑޫ ސިޓީގައި އެ ކުންފުނީގެ ހާއްސަ މަސްފިހާރައެއް ރޭ ރަސްމީކޮށް ހުޅުވައިފިއެވެ.

އައްޑޫ ސިޓީ ހިތަދޫގައި ގާއިމުކޮށްފައިވާ މި ފިހާރަ ހުޅުވައިދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. މި ފިހާރަ ހުންނަނީ ހިތަދޫގައި ހުންނަ މިފްކޯގެ އައިސް ޕްލާންޓް ކައިރިން، ލިންކް ރޯޑަށް ކުރިމަތިވާ ގޮތަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިފްކޯގެ މެނޭޖިން ޑައިރެކްޓަރު މުޙައްމަދު އަނަސް ވިދާޅުވީ، މިއީ މާލެ ސަރަހައްދުން ބޭރުގައި އެ ކުންފުނިން ހުޅުވި ފުރަތަމަ މަސްފިހާރަ ކަމަށެވެ. އައްޑޫ ސިޓީއަކީ މަސްވެރިކަމުގެ ސިނާއަތުގައި މުހިންމު ދައުރެއް އަދާކުރާ، މިފްކޯއާ ވަރަށް ގާތް ގުޅުމެއް ބާއްވާ ސިޓީއެއްކަން ފާހަގަކުރައްވަމުން އަނަސް ވިދާޅުވީ، މި ފިހާރައިގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް މެދުނުކެނޑި، ހެޔޮ އަގުގައި ލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން، ހުޅުމީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް މެދުވެރިކޮށް އުފައްދާ ތަކެތި ސީދާ މި ފިހާރައިން ލިބެން ހުންނާނެތީ، ލޯކަލް ޕްރޮޑަކްޝަން ފުޅާކުރުމަށް މިކަމުގެ ސަބަބުން ބޮޑު ބާރަކަށް ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރޭ ހުޅުވުނު މި ފިހާރައާއެކު، އައްޑޫގެ ރައްޔިތުންނަށް މިފްކޯގެ ތަފާތު ބާވަތްތަކުގެ ދަޅުމަހާއި، ޕެކެޓް ކުރި މަހުގެ އުފެއްދުންތައް މިހާރު ލިބެން ހުންނާނެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފަސޭހަކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިފްކޯއިން ސިފަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450