ދުނިޔެ
މަރުވި އިޓަލީގެ ފަސް ފަތުރުވެރިންގެ އޮޓޯޕްސީގެ ފަހު މަރުހަލާ މިއަދު ކުރިއަށްދަނީ
ޑައިވް ކުރަނީ - ފޮޓޯ 24 އިޓަލީ
ވަ. އަތޮޅުގެ ހޮހަޅައިގެ ތެރޭގައި ޑައިވް ކުރަން އުޅުމުގެ ތެރޭގައި މަރުވި އިޓަލީގެ ފަސް ފަތުރުވެރިންގެ ހަށިގަނޑުތަކުގެ އޮޓޯޕްސީގެ އެންމެ ފަހު ތިން މަރުހަލާ މިއަދު އިޓަލީގެ ލޮމްބާޑީ ހޮސްޕިޓަލުގައި ކުރިއަށް ދާކަމަށް އިޓަލީގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
އިޓަލީގެ "24 އިޓަލީ" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި މަރުވި ފަސް މީހުންގެ ތެރެއިން ދެ މީހެއްގެ އޮޓޯޕްސީ އިއްޔެ ވަނީ ނިންމާފައެވެ. އިއްޔެ އޮޓޯޕްސީ ހަދާފައިވަނީ ޖިއަންލޫކާ ބެނެޑެޓީ އަދި ފެޑެރިކޯ ގުއަލްޓިއޭރީގެ ހަށިގަނޑެވެ. މިއަދު އޮޓޯޕްސީ ހެދުމަށް ހަމަޖެހިފައިވަނީ މޮނިކާ މޮންޓެފަލްކޯން، ޖިއޯޖިއާ ސޮމަކަލް އަދި މުރިއަލް އޮޑެނީނޯގެ ހަށިގަނޑެވެ.
މިހާތަނަށް ކުރެވުނު ތަހުގީގުތަކުންނާއި މެޑިކޯ-ލީގަލް އެގްޒެމިނޭޝަންތަކުން ދައްކާ ގޮތުގައި، މި މީހުން މަރުވުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ނޭވާ ހާސްވެ، ލޮނުބޮވުމުގެ ސަބަބުން ކަމަށް ބެލެވެއެވެ. ނަމަވެސް، މަރުވި ސީދާ ސަބަބު ކަށަވަރުވާނީ ހިސްޓޮލޮޖިކަލް އަދި ޓޮކްސިކޮލޮޖިކަލް ޓެސްޓުތަކުގެ ނަތީޖާ ލިބުމުންނެވެ. މި ތަހުގީގުތައް ކުރިއަށް ގެންދަނީ ޕަވިއާ ޔުނިވަރސިޓީގެ ފޮރެންސިކް މެޑިސިން އިންސްޓިޓިއުޓްގެ މާހިރުންގެ ބެލުމުގެ ދަށުންނެވެ.
މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ވައްވު އަތޮޅުގެ ކަނޑު ސަރަހައްދުގައި އޮންނަ ހޮހަޅައެއްގެ ތެރޭގައެވެ. މި މީހުންގެ ހަށިގަނޑުތައް ފެނިފައިވަނީ 60 މީޓަރު އަޑިންނެވެ.
މި ދަތުރަކީ ޖެނޯއާ ޔުނިވަރސިޓީގެ ސައިންޓިފިކް މިޝަނެއްގެ ގޮތުގައި ކުރެވުނު ދަތުރެއް ނަމަވެސް، އެ ޔުނިވަރސިޓީން ބުނެފައިވަނީ މި ޑައިވް ހަރަކާތަކީ ޔުނިވަރސިޓީގެ ރަސްމީ މަސައްކަތުގެ ބައެއް ނޫން ކަމަށާއި، އެއީ އެމީހުން އަމިއްލަ ގޮތުން ކުރި ކަމެއް ކަމަށެވެ. މިކަމާ ގުޅިގެން މަރުވި މީހުންގެ އާއިލާތަކުން ވަނީ ޔުނިވަރސިޓީގެ ވާހަކަތަކަށް ނުރުހުން ފާޅުކޮށްފައެވެ.
ރޯމްގެ ޕަބްލިކް ޕްރޮސެކިއުޓާގެ އޮފީހުން މިހާރު ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ. މީގެ ތެރޭގައި ޑައިވަރުން ބޭނުންކުރި ގޯ-ޕްރޯ ކެމެރާތަކުގެ ފުޓޭޖްތައް ދިރާސާކުރުންވެސް ހިމެނެއެވެ. އޮޓޯޕްސީގެ ފައިނަލް ރިޕޯޓް ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ނެރެވޭނެ ކަމަށް ލަފާކުރެވެއެވެ.