ދުނިޔެ
ނަތަންޔާހޫ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި: ބުނަނީ ދަތުގެ ފަރުވާއަކަށް ކަމަށް!
ނަތަންޔާހޫ - ފޮޓޯ : ޖެރޫސަލަމް ޕޯސްޓް
އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެ ގައުމުގެ ހަދައްސާ އީން ކަރެމް މެޑިކަލް ސެންޓަރުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ދަތުގެ ފަރުވާއެއް ފުރިހަމަކުރުމަށް ކަމަށެވެ. ނަމަވެސް، މި ފަރުވާއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
އުމުރުން 76 އަހަރުގެ ނަތަންޔާހޫގެ ސިއްހީ ހާލަތާ މެދު ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި، އޭނާ މި މަހުގެ ކުރީކޮޅު ކޯޓުގައި ދިން ހެކިބަހެއްގައި ބުނެފައިވަނީ އޭނާގެ ހާލު "ވަރަށް ފުރިހަމަ" ކަމަށެވެ. ނަތަންޔާހޫ މިހެން ބުނީ އޭނާގެ ސިއްހީ ހާލަތާ ގުޅޭގޮތުން ނޫސްވެރިންނާއި ވަކީލުން ދެއްކެވި ވާހަކަތަކަކާ ގުޅިގެން ކުރި އަބުރުގެ ދައުވާއެއްގެ ޝަރީއަތުގައެވެ.
މައުލޫމާތު ލިބޭގޮތުގައި ނަތަންޔާހޫއަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހެކެވެ. އޭނާ ވަނީ މީގެ ކުރިން ޕްރޮސްޓޭޓް ކެންސަރަށް ހަދައްސާ ހޮސްޕިޓަލުން ރޭޑިއޭޝަން ތެރަޕީ ހަދާފައެވެ. ނަމަވެސް މި މައުލޫމާތުތައް އޭނާ ސިއްރުކުރީ، ހަނގުރާމައިގެ ހާލަތުގައި އީރާނުން މިކަމުގެ ބޭނުން ހިފައި ޕްރޮޕެގެންޑާ ފަތުރާފާނެތީ ކަމަށް އޭނާ މީގެ ކުރިން ބުނެފައިވެއެވެ.
ނަތަންޔާހޫއަކީ އޭނާގެ ސިއްހީ މައްސަލަތައް އާންމުންނަށް އޮޅުވާލާ ކަމުގެ ތުހުމަތު ބޮޑުވެފައިވާ މީހެކެވެ. އެގޮތުން 2023 ވަނަ އަހަރު އޭނާގެ ހަށިގަނޑުގައި ޕޭސްމޭކަރެއް ހަރުކުރިއިރު، ފުރަތަމަ ބުނެފައިވަނީ އެއީ "ޑީހައިޑްރޭޝަން" ނުވަތަ ފެންމަދުވުމުގެ މައްސަލައެއް ކަމަށެވެ.
ބޮޑުވަޒީރުގެ އޮފީހުން މިފަހަރުވެސް "ދަތުގެ ފަރުވާ" އެއްގެ ވާހަކަ ދެއްކި ނަމަވެސް، އޭނާގެ ސިއްހީ ހާލަތާ މެދު އާންމުންގެ މެދުގައި ވަނީ ބޮޑެތި ޝައްކުތަކެއް އުފެދިފައެވެ. ނަތަންޔާހޫ ބުނާ ގޮތުގައި އޭނާ އަންނަނީ ގަވާއިދުން ކަސްރަތުކޮށް މެޑިކަލް ޗެކަޕްތައް ހަދަމުންނެވެ.