ދުނިޔެ
ފްރާންސަށް ކުރިމަތިވި ގަދަ ހޫނުގެ ސަބަބުން ހަތް މީހަކު މަރުވެއްޖެ
ފްރާންސް އަށް ހޫނު ގަދަވުން - ފޮޓޯ : އެފްއެމްޓޯ
ފްރާންސްގެ އެކި ސަރަހައްދުތަކަށް މިހާރު ކުރިމަތިވެފައިވާ އާދަޔާ ހިލާފު ގަދަ ހޫނުގެ ސަބަބުން، ހަތް މީހަކު މަރުވެފައިވާކަން އެ ގައުމުގެ ސަރުކާރުން ކަށަވަރުކޮށްދީފިއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅޭގޮތުން ފްރާންސް ސަރުކާރުގެ ތަރުޖަމާނު މޯޑް ބްރެޖިއޮން، އެ ގައުމުގެ ޓީވީ ބްރޯޑްކާސްޓާ "ޓީއެފް1" އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ހޫނާ ގުޅުންހުރި އެކި ހާދިސާތަކުގައި ހަތް މީހަކު ފުރާނަ ގޮސްފައިވާ ކަމަށެވެ. އަދި މަރުވި މީހުންގެ ތަފްސީލީ މައުލޫމާތާއި، އެމީހުން މަރުވާން މެދުވެރިވި ސީދާ ސަބަބުތައް ހާމަކުރާނީ މިހާރު ކުރިމަތިވެފައިވާ ހޫނުގަދަ ހާލަތުން ގައުމު ސަލާމަތްވުމުން ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.
މުޅި ފްރާންސްގައި ފިނިހޫނުމިން ރެކޯޑް މިންވަރަކަށް އުފުލިފައިވާ މި ދަނޑިވަޅުގައި، އެ ގައުމުގެ ހުޅަނގު ސަރަހައްދުތަކަށް ވަނީ "އޮރެންޖް ހީޓް އެލާޓް" ނެރެފައެވެ. މިއީ ފްރާންސްގެ ތާރީޚުގައި މެއި މަހެއްގެ ތެރޭގައި މިފަދަ ނުރައްކާތެރި މިންވަރަކަށް ހޫނުމިން މައްޗަށް ގޮސްގެން އެލާޓެއް ނެރުނު ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ.
މޫސުމީ ރިޕޯޓްތައް ބުނާގޮތުން ކުރިއަށް އޮތް ދުވަސްވަރުގައިވެސް ހޫނުމިން އިތުރަށް މައްޗަށް ދިއުމުގެ ފުރުސަތު ބޮޑެވެ. މިކަމުގެ ސަބަބުން އާންމު ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާއިރު، ގިނަ އަދަދެއްގެ ބަޔަކު ހޫނުން ސަލާމަތްވުމަށްޓަކައި މޫދަށާއި ފިނި ސަރަހައްދުތަކަށް ޖަމާވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
ފްރާންސްގެ ސިއްހީ އިދާރާތަކުން ދަނީ މި ދުވަސްވަރު ގިނައިން ފެން ބުއިމަށާއި، ބޭރުތެރޭގައި އުޅޭ ވަގުތުތައް މަދުކުރުމަށް އިރުޝާދު ދެމުންނެވެ. މި ހޫނު ރާޅަކީ ދުނިޔެއަށް ކުރިމަތިވަމުންދާ މޫސުމީ ބަދަލުތަކުގެ ނަތީޖާއެއް ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ.