ދުނިޔެ

އީރާނަށް އަލުން އިންޓަރނެޓްގެ ހިދުމަތް ދޭން ފަށައިފި

އީރާނަށް އަލުން އިންޓަރނެޓްގެ ހިދުމަތް ދޭން ފަށައިފި

އީރާނަށް އަލުން އިންޓަނެޓްގެ ހިދުމަތް ދިނުން - ފޮޓޯ : ބީބީސީ

26 މޭ 2026، 09:48

އީރާނުގައި އިންޓަރނެޓްގެ ހިދުމަތް މެދުކަނޑާލާފައި އޮންނަތާ ގާތްގަނޑަކަށް ތިން މަސްދުވަސް ފަހުން، އެ ހިދުމަތް އަލުން ދޭން ފަށާފައިވާކަން އެ ގައުމުގެ ފަސްޓް ވައިސް ޕްރެޒިޑެންޓް މުހައްމަދު ރެޒާ އާރެފް އިއުލާނު ކުރައްވައިފިއެވެ.

ވައިސް ޕްރެޒިޑެންޓް އާރެފް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޓަރނެޓްގެ މާހައުލަށް މިނިވަންކަމާއެކު ވަދެވޭނެ މަގު ފަހިކޮށްދިނުމަށް އެޅި ފުރަތަމަ ފިޔަވަޅު މިހާރު އެޅިފައިވާ ކަމަށެވެ. އިންޓަރނެޓްގެ ހަރަކާތްތައް މޮނިޓަރ ކުރާ ބައިނަލްއަގުވާމީ ޖަމާއަތްތަކެއް ކަމަށްވާ "ނެޓްބްލޮކްސް" އާއި "ކެންޓިކް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ ބައެއް ސަރަހައްދުތަކަށް ވަނީ އިންޓަރނެޓްގެ ހިދުމަތް ލިބެން ފަށާފައެވެ. ނަމަވެސް ގިނަ ނެޓްވޯކްތައް އަދިވެސް ހުރީ މެދުކަނޑާލާފައި ކަމަށް އެ ޖަމާއަތްތަކުން ފާހަގަކުރެއެވެ.

އީރާނު ސަރުކާރުން މުޅި ގައުމުން އިންޓަރނެޓްގެ ހިދުމަތް މެދުކަނޑާލީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އެ ގައުމަށް ދޭން ފެށި ހަމަލާތަކާ ގުޅިގެންނެވެ. އެ ދުވަސްވަރު އީރާނު ސަރުކާރުން ބުނެފައިވަނީ އިންޓަރނެޓް ކަނޑާލީ ޖާސޫސީ މައުލޫމާތު ހޯދުމާއި ސައިބަރ ހަމަލާތަކުން ރައްކާތެރިވުމުގެ ގޮތުން ކަމަށެވެ. މިއީ ދުނިޔޭގެ ތާރީޚުގައިވެސް ގައުމެއްގައި އެންމެ ގިނަ ދުވަހު އިންޓަރނެޓް މެދުކަނޑާލި އެއް ފަހަރެވެ.

މިކަމާ ގުޅިގެން ތެހެރާނުގައި ދިރިއުޅޭ ކޮންޓެންޓް ކްރިއޭޓަރަކު ބީބީސީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ގޭގައި ބޭނުންކުރާ ވައިފައި މެދުވެރިކޮށް އިންޓަރނެޓް ލިބެން ފަށާފައިވާ ކަމަށާއި، މީގެ ސަބަބުން ހުއްޓިފައިވާ އާމްދަނީ އަލުން ލިބެން ފަށާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"ނެޓްބްލޮކްސް" ގެ ރިސާޗް ޑައިރެކްޓަރ އިސިކް މޭޓަރ ވިދާޅުވި ގޮތުގައި، އީރާނުގައި އިންޓަރނެޓް ކަނޑާލާ ކޮންމެ ފަހަރަކު، އަލުން ހިދުމަތް ދޭން ފަށަނީ ކުރިއަށްވުރެ ވަރުގަދަ ކޮންޓްރޯލްތަކާއި ހުރަސްތަކާއެކުގައެވެ. އަދި މުޅި ގައުމަށް ހިދުމަތް ފޯރުކޮށްދިނުމަށް ހަފްތާތަކެއް ނަގައިފާނެ ކަމަށްވެސް އޭނާ ލަފާކުރެއްވިއެވެ.

އިންޓަރނެޓްގެ ހިދުމަތް އަލުން ދޭން ފަށާފައި މިވަނީ، މިދިޔަ އޭޕްރީލް 8 ވަނަ ދުވަހު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވެ، އީރާނަށް އައު ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން ބުނަމުންދަނީ އެ ގައުމުން ހަމަލާދެނީ އަމިއްލަ ދިފާއުގައި، އީރާނުގެ މިސައިލް ސައިޓްތަކަށާއި މައިން ވަޅުލުމަށް މަސައްކަތްކުރާ އުޅަނދުފަހަރަށް ކަމަށެވެ. އީރާނުން ވަނީ މި ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލެއްގެ ގޮތުގައި ސިފަކޮށް ކުށްވެރިކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450