Ads by Farudhun

ޚަބަރު / ދީން

ހިތުގައި ކިބުރުވެރިކަމުގެ ޒައްރެއް ވާނަމަވެސް ސުވަރުގެ ނުވަންނާނެ - އީދު ހުތުބާ

ހިތުގައި ކިބުރުވެރިކަމުގެ ޒައްރެއް ވާނަމަވެސް ސުވަރުގެ ނުވަންނާނެ - އީދު ހުތުބާ

އީދުގެ ނަމާދުގެ ބޮޑު ޖަމާއަތް - ފޮޓޯ ފަރުދުން

27 މޭ 2026، 09:45

އިންސާނެއްގެ ހިތުގައި ކިބުރުވެރިކަމުގެ ކިތަންމެ ކުޑަ މިންވަރެއް ނުވަތަ ޒައްރެއްގެ މިންވަރު ހުރި ނަމަވެސް، އެމީހަކު ސުވަރުގެ ނުވަންނާނެކަމަށް އީދު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި އީދު ޚުތުބާ ބިނާކޮށްފައިވަނީ ހިތްތައް ސާފުކުރުމާއި، އިސްލާމީ މިންގަނޑުތަކުގެ ތެރޭގައި އީދުގެ އުފާ ފާޅުކުރުމުގެ މައްޗަށެވެ.

އީދު ދުވަހަކީ މުޅި އަހަރުގެ ތެރޭގައި އަންނާނެ އެންމެ މަތިވެރި ދުވަސް ކަމަށް އިލްމުވެރިން ދެކެވަޑައިގަންނަވައެވެ. މި މަތިވެރި ނިއުމަތަށް ޝުކުރުވެރިވުމުގެ ގޮތުން ގިނަގިނައިން ތަކުބީރު ކިޔުމަކީ ގަދަވެގެންވާ ސުންނަތެއްކަން ފާހަގަކޮށް، ހައްޖު މަސް ފެށުނީއްސުރެ އެ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މަގުތަކާއި ބާޒާރުތަކުގައި އަޑުހަރުކޮށް ތަކުބީރު ކިޔުމަށް އިރުޝާދު ދެއްވިއެވެ. ވަކިން ހާއްސަކޮށް، އަރަފާތު ދުވަހުގެ ފަތިހުން ފެށިގެން އައްޔާމުއްތަޝްރީގުގެ ފަހު ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް ކޮންމެ ފަރުޟު ނަމާދަކަށްފަހު ތަކުބީރު ކިޔުމުގެ މުހިންމުކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

އީދުގެ އުފާ ފާޅުކުރުމުގައި ހިފަހައްޓަންޖެހޭ އަޚުލާގީ މިންގަނޑުތަކަށް އަލިއަޅުވާލަމުން ޚުތުބާގައި ވިދާޅުވީ، ކުޅިވަރު ކުޅުމާއި އުފާކުރުމަކީ އޮތް ކަމެއް ނަމަވެސް، އެކަމުގެ ނަމުގައި މީހުންނަށް ފުރައްސާރަކުރުމާއި، މަލާމާތްކުރުމުން ދުރުހެލިވާންޖެހޭނެ ކަމަށެވެ. އަދި އަންހެނުން ފިރިހެން ހެދުން އެޅުމާއި، ފިރިހެނުން އަންހެން ހެދުން އެޅުމުގެ އިތުރުން، ދެޖިންސު މަސްހުނިވެގެން ހިންގާ ހަރަކާތްތަކަކީ އިސްލާމީ ސަގާފަތާ ބީރައްޓެހި، ދީނުގައި ނަހީކުރައްވާފައިވާ ކަންކަން ކަމުގައި ޚުތުބާގައި ބަޔާންކުރިއެވެ.

"އީދުގެ ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތް ﷲއަށް ބިރުވެތިވެ، އެހެން ދީންތަކުގެ ޝިއާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއް،" ޚުތުބާގައި ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުސްލިމުންނަށް އީދުގެ ތަހުނިޔާ ކިޔައި، އީދުގެ އުފަލުގައި އެމީހުން ބައިވެރިކުރުމަށް ޚުތުބާގައި ގޮވާލެއްވިއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ގަތުލުއާންމުތަކާއި، ތަހައްމަލު ކުރަމުންދާ ހައިހޫނުކަމާއި ނިކަމެތި ހާލުގައި ތިބި މުސްލިމް އަޚުންނާއި އުޚުތުންގެ މަތިން ހަނދާންކޮށް، އެމީހުންނަށްޓަކައި ހެޔޮ ދުއާކުރުމަށް އިލްތިމާސްކުރިއެވެ. މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުއާކަން ވެސް ޚުތުބާގައި ފާހަގަކުރެއްވިއެވެ.

ޚުތުބާ ނިންމާލަމުން ވަނީ، އީދު ޖަމާއަތުން ވަކިވުމުގެ ކުރިން އެކަކު އަނެކަކަށް މައާފުކޮށް، ހިތްތަކުގައިވާ ހަސަދަވެރިކަން ފިލުވާލުމަށް ނަސޭހަތްތެރިވެފައެވެ. އަދި ގިޔާމަތް ދުވަހު ސަލާމަތްކަން އޮތީ ސާފު ހިތަކާއިގެން މާތް ﷲއާ ބައްދަލުކުރި މީހަކަށް އެކަނިކަން ކީރިތި ގުރުއާނުގެ އާޔަތްތަކުން ހަނދާންކޮށްދެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450