ޚަބަރު
އަޟުޙާ ޢީދުގެ ތަހުނިޔާގައި ނައިބު ރައީސް އެކުވެރިކަމަށް ގޮވާލައްވައިފި
ނައިބު ރައީސް -- ފޮޓޯ ރައީސް އޮފީސް
ބަރަކާތްތެރި އަޟުޙާ ޢީދުގެ އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އެކުވެރިކަމާއި ބަދަހިކަން އާލާކުރުމަށް މުޅި އުންމަތަށް އިލްތިމާސް ކުރައްވައިފިއެވެ.
މިއަދުގެ އުފާވެރި މުނާސަބަތުގައި ހުސެއިން މުހައްމަދު ލަތީފު އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޙައްޖުގެ މަތިވެރި ދުވަހު ލިބޭ ފިލާވަޅުތަކުން ހެޔޮކަން ލިބިގަނެ، އަޟުޙާ ޢީދުގައި އެކުވެރި އަދި ބާރުވެރި ބަޔަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އިއްޔެގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަކޮށް، އެކަކު އަނެކަކަށް ހެޔޮއެދޭ ބަޔަކަށް ވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
މިއަދު ހެނދުނު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ޢީދު ނަމާދުގެ ބޮޑު ޖަމާއަތް ވަނީ ބާއްވާފައެވެ. މާލެ އެކި ސަރަހައްދުގައިވެސް ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުން ކުރިއަށްދިޔައެވެ.
ޢީދުގެ އުފާ ފާޅުކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ވަރަށް ކުލަގަދަ ހަރަކާތްތަކެއް ރާވާފައެވެ. އޭގެ ތެރޭގައި ސަގާފީ ކުޅިވަރުތަކާއި، ކުޑަކުދިންގެ ހަވީރުތަކާއި، އަދި ރަށު ފެންވަރުގައި ބާއްވާ ތަފާތު މުބާރާތްތައް ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ ހަރަކާތްތަކުގެ ޒަރީއާއިން ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، އުފާވެރި މާހައުލެއް ގާއިމުކުރުމެވެ.
ޙައްޖުގެ މަތިވެރި ދުވަހު ލިބޭ ފިލާވަޅުތަކުން ހެޔޮކަން ލިބިގަނެ، އަޟުޙާ ޢީދުގައި އެކުވެރި، ބާރުވެރި ބަޔަކަށް ވާށެވެ. އިއްޔެގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަ ކުރާށެވެ. އެކަކު އަނެކަކަށް ހެޔޮ އެދޭގޮތުން މަތިވެރި އަމާން ސަލާމަކުން ސަލާމް ކޮށްލާށެވެ. އެކުވެރި ކަމަކީ ގަދަފަދަ… pic.twitter.com/bvQ6dSWNzI
— Hussain Mohamed Latheef (@HucenSembe) May 26, 2026
މި އަހަރުގެ އަޟުޙާ ޢީދަކީ ދިވެހިންގެ މެދުގައި އޮތް އިސްލާމީ އަޚުވަންތަކަން އާލާކޮށް، އެކަކު އަނެކަކަށް އެހީތެރިވެ، އެކުވެރި، ބާރުވެރި ބަޔަކަށް ވުމަށް ލިބޭ ރަނގަޅު ފުރުސަތެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. ސަރުކާރުން ބާރުއަޅަނީ އިޖުތިމާޢީ ގުޅުން ބަދަހި ކުރުމަށެވެ. އެކުވެރިކަމަކީ ގައުމެއް ބިނާކުރުމުގައި ލިބޭނެ އެންމެ ބޮޑު ހަކަތަކަން ހަނދާންކޮށް، އެ މަގުން މަސައްކަތް ކުރުމަށް ރައީސުލްޖުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުވެސް ވަނީ ގޮވާލައްވާފައެވެ.