ޚަބަރު
އީދު ކުޅިވަރުތައް ކުރިއަށް ގެންދަންވާނީ އިސްލާމީ އުސޫލުތަކުގެ ތެރެއިން: ޝަހީމް
ޑރ ޝަހީމް - ފޮޓޯ : ޑރ ޝަހީމް ފޭސްބުކް
ކުރިއަށް އޮތް އަޟުހާ އީދުގެ އުފާ ފާޅުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައްޔާރުވަމުންދާއިރު، އީދު ކުޅިވަރުތައް ކުރިއަށް ގެންދިއުމުގައި އިސްލާމީ ސަގާފަތާއި ދީނީ މިންގަނޑުތަކާ ހިލާފު ކަންކަމުން އެއްކިބާވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބާރުއަޅުއްވައިފިއެވެ.
ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީދަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި މަގާމެއް ދެވިފައިވާ މުނާސަބަތެއް ކަމަށެވެ. އަދި އީދު ފާހަގަކުރުމުގެ އެންމެ ބޮޑު މަގްސަދަކީ މާތް ﷲ ގެ މަތިވެރިކަން ހަނދުމަކޮށް، އެކަލާނގެއަށް ޝުކުރުވެރިވުމާއެކު އުފާވެރިކަން ފާޅުކުރުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ދުވަސްވަރަކީ އިސްލާމީ އުންމަތުގެ އެންމެ މަތިވެރި އަޅުކަން ކަމުގައިވާ ހައްޖުގެ މަތިވެރި އަޅުކަމުގައި މުސްލިމުން ބައިވެރިވަމުންދާ މުގައްދަސް ވަގުތެއްކަން ފާހަގަކުރައްވައި، ވަޒީރު ޝަހީމް ވިދާޅުވީ އީދު ކުޅިވަރުތައް ރާއްޖޭގައި ކުރިއަށް ގެންދާއިރު މި މަތިވެރިކަން ހިތަށް ގެނައުން މުހިންމު ކަމަށެވެ.
"އީދު ކުޅިވަރުގެ ނަމުގައި އިސްލާމްދީނުގެ ސަގާފަތާ ޚިލާފު ކަންކަމުން އެއްކިބާވާން އަޒުމް ކަނޑައަޅަން ޖެހޭނެ،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، މިއަހަރުގެ އަޟުހާ އީދު ނަމާދުގެ ޚުތުބާގައިވެސް ވަނީ އީދު ފާހަގަކުރުމުގައި ހިފަހައްޓަންޖެހޭ ދީނީ މިންގަނޑުތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ. އެގޮތުން، އީދުގެ އުފާ ފާޅުކުރާއިރު ދެޖިންސު މަސްހުނިވުމާއި، އެކަކު އަނެކަކަށް ފުރައްސާރަކުރުމާއި، އަދި އިސްލާމީ އަޚްލާގާ ނުގުޅޭ ފަދަ ހެދުން އެޅުމުން ދުރުހެލިވުމަށް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ވަނީ ނަސޭޙަތްތެރިވެފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރެއިން އީދު ފާހަގަކުރުން ކަމަށްވާއިރު، ރައީސް މުއިއްޒުވެސް ވަނީ އީދުގެ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވާއިރު އިސްލާމީ އުސޫލުތަކުގައި ހިފެހެއްޓުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.