ވިޔަފާރި / ޚަބަރު

އަހަރެއްގެ ތެރޭގައި ހައްޖާއި އުމްރާއަށް މޯލްޑިވިއަނުން 26 ފްލައިޓް

އަހަރެއްގެ ތެރޭގައި ހައްޖާއި އުމްރާއަށް މޯލްޑިވިއަނުން 26 ފްލައިޓް

މޯލްޑިވިއަންއިން އުމްރާއަށް މީހުން އުފުލަން އެޅި ފްލައިޓެއް ފޮޓޯ: މޯލްޑިވިއަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 މޭ 2026، 02:31

27 މޭ 2026، 02:31

ގައުމީ އެއާލައިން، މޯލްޑިވިއަނުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ހައްޖާއި އުމްރާގެ އަޅުކަމަށް ދިޔަ 6،073 ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މޯލްޑިވިއަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މޭ މަހުން ފެށިގެން މިއަހަރުގެ މޭ މަހުގެ ނިޔަލަށް އެ ކުންފުނިން ވަނީ ހައްޖާއި އުމްރާވެރިން އުފުލުމަށް ޖުމްލަ 26 ފްލައިޓް އޮޕަރޭޓްކޮށްފައެވެ. މިއީ ދިވެހި ހައްޖުވެރިންނާއި އުމްރާވެރިންނަށް ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ރާއްޖޭގެ ގައުމީ އެއާލައިންގެ އޭ330 މަރުކާގެ ބޯޓުގައި ދިވެހި ހައްޖުވެރިން އުފުލުމަށްޓަކައި، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.

މިއަހަރުގެ ހައްޖުގެ މާތް އަޅުކަމުގައި ރާއްޖެއިން ޖުމްލަ 1،019 މީހުން ބައިވެރިވާއިރު، މި ހައްޖުވެރިން މައްކާއަށް ގެންދިއުމަށް މޯލްޑިވިއަނުން ވަނީ ދެ ފްލައިޓް ބޭނުންކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހައްޖުވެރިންނަށް ދެއްވާ ހާއްސަ އަހަންމިއްޔާތުގެ ދަށުން، ހައްޖުވެރިންގެ ދަތުރުތައް އިންތިޒާމުކޮށްފައިވަނީ ވީހާވެސް އޮމާންކަމާއެކު ކުރިއަށްދާނެ ގޮތަށެވެ.

ހައްޖު ކޯޕަރޭޝަނުން މައުލޫމާތުދޭ ގޮތުގައި، މިއަހަރުގެ ހައްޖުވެރިން އަޅުކަމުގެ ކަންކަމުގައި ސައުދީ އަރަބިއްޔާގައި ޖުމްލަ 22 ދުވަހު މަޑުކުރާނެއެވެ. އަދި ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރުމަށްފަހު، ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ އަންނަ ޖުލައި މަހުގެ 5 ވަނަ ދުވަހުން ފެށިގެންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450