ޚަބަރު
ގަމުގައި ކަރަންޓު ޖެހި ހާލު ސީރިއަސްވި ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފި
އައިޖީއެމްއެޗް - ފޮޓޯ : ފަރުދުން
އަޟްޙާ އީދަށް ތައްޔާރުވުމުގެ ގޮތުން ލ. ގަމުގައި ކުރިއަށްދިޔަ މަސައްކަތްތަކުގެ ތެރޭގައި، ކަރަންޓު ޖެހި ސީރިއަސް އަނިޔާތަކެއް ލިބުނު 14 އަހަރުގެ ފިރިހެން ކުއްޖާ އިތުރު ފަރުވާއަށް މިއަދު މާލެ ގެނެސްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ލ. ގަމުގެ މަގުމަތީގައި ހުރި ކަރަންޓު ފޮއްޓަކުން، އީދަށް ތައްޔާރުކުރި ބޯޑު ވާގަނޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައި ކަމަށް މައުލޫމާތުލިބެއެވެ.
ހާދިސާ ހިނގުމާއެކު އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދޭން ފަށާފައިވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ. ނަމަވެސް، ކުއްޖާގެ ހާލަތު އިތުރަށް ގޯސްވަމުން ދިއުމާ ގުޅިގެން، އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔައީ ވެންޓިލޭޓަރުގެ އެހީގައެވެ. އެ ކުއްޖާއަށް އިތުރު ފަރުވާ ބޭނުންވާތީ، މިއަދުގެ ވަގުތެއްގައި ވަނީ މާލެއަށް ގެނެސްފައެވެ.
އައިޖީއެމްއެޗުން މައުލޫމާތު ދޭ ގޮތުގައި، އެ ކުއްޖާ މާލެ ގެނައުމާއެކު ވަގުތުން ފަރުވާ ދިނުމަށްޓަކައި އެ ހޮސްޕިޓަލުން ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. މިހާރު އެ ކުއްޖާއަށް އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގައި ދަނީ ފަރުވާ ދެމުންނެވެ.