Ads by Farudhun

ޚަބަރު

ނޫސްވެރިޔާ ޝަހްޒާން ޖަލުން މިނިވަންވެއްޖެ

ނޫސްވެރިޔާ ޝަހްޒާން ޖަލުން މިނިވަންވެއްޖެ

"އަދަދު" ނޫހުގެ ނޫސްވެރިޔާ ޝަހްޒާން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 މޭ 2026، 03:42

27 މޭ 2026، 03:42

ކްރިމިނަލް ކޯޓުގެ ހުރުމަތް ކަނޑާލި ކަމުގެ ކުށުގައި ޖަލަށްލުމަށް ހުކުމްކުރި "އަދަދު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާން، އޭނާގެ މައްޗަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމުމުން މިއަދު މިނިވަންވެއްޖެއެވެ. 

ޝަހްޒާން ޖަލުން ދޫކޮށްލާފައިވަނީ ހުޅުމާލެ ޖަލުގައި ހުކުމް ފުރިހަމަކުރުމަށްފަހުގައެވެ.

ޝަހްޒާން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އެއީ ކޯޓުން ނެރެފައިވާ ގެގް އަމުރަކާ ހިލާފަށް ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލުކޮށް، ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބަލައިގެންނެވެ. ޝަހްޒާން ޖަލުން މިނިވަންވި ވަގުތު އޭނާގެ އާއިލާގެ ގިނަ ބަޔަކު ވަނީ ޖަލު ކައިރިއަށް ގޮސް މަރުހަބާ ކިޔާފައެވެ.

ނޫސްވެރިޔާ ލީވާން ވެސް ވަނީ ދޫކޮށްލާފައި
ޝަހްޒާންގެ އިތުރުން، ހަމަ އެ މައްސަލައިގައި 10 ދުވަހުގެ ޖަލު ހުކުމެއް އިއްވި "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޖަލުން މިނިވަންވެފައެވެ. ލީވާންގެ މައްޗަށް ހުކުމް އައީ ކޯޓުގެ އަމުރާ ގުޅޭ ގޮތުން ލިޔުނު ޚަބަރަކާ ގުޅިގެންނެވެ. މި ދެ ނޫސްވެރިން ހައްޔަރުކުރުމާ ގުޅިގެން ނޫސްވެރިންނާއި އިދިކޮޅު ފަރާތްތަކުން ވަނީ މާލޭގައި އިހުތިޖާޖުތަކެއް ވެސް ބާއްވާފައެވެ.

މި މައްސަލައިގެ އަސްލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއް ކޮށް "އަދަދު" ނޫހުން ތައްޔާރުކުރި ވީޑިއޯ ޑޮކިއުމެންޓްރީއެކެވެ. އެ ޑޮކިއުމެންޓްރީގެ ވާހަކަ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން އަމުރެއް ނެރުނީ، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަޒުފްކުރުމުގެ ދައުވާގެ ޝަރީއަތުގެ ތެރެއިންނެވެ.

ގާޒީ މުޒައްމިލް ނާސިރު ސޮއިކުރައްވައި ނެރުއްވި އަމުރުގައި ވަނީ އެ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުމާއި، އޭގައިވާ ވާހަކަތައް ދެއްކުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށެވެ. އަދި މައްސަލައިގެ ހަސްމުންނާއި ޝިކާރައަކަށްވީ މީހުންގެ ވާހަކަ ދެއްކުން ވެސް ވަނީ މަނާކޮށްފައެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ފިޔާޒް އަދި ހަސަންގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ މަހުގެ ކުރީކޮޅު ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ޙ

ޙަސަން

27/05/2026 15:57

ތީދޫކޮށްލަންޖެހޭ ގޮލައެއްނޫން ގައުމު ފަސާދަކުރާ ގޮލައެއް