ޚަބަރު
ލ. ގަމުގައި ކަރަންޓުގައި ޖެހުނު ކުއްޖާގެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި
ލ.ގަން ފޮޓޯ: މޯލްޑިވްސް
ލ. ގަމުގައި ހިނގި ހާދިސާއެއްގައި ކަރަންޓުގައި ޖެހި ސީރިއަސް އަނިޔާތަކެއް ލިބުނު ކުޑަކުއްޖަކު އިތުރު ފަރުވާއަށް މާލެ ގެނެސް، އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ގަމުގައި ކުއްޖަކު ކަރަންޓުގައި ޖެހިގެން އުޅޭ ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ ރޭ 11:00 ޖެހި ފަހުންނެވެ.
މި ހާދިސާ ހިނގުމާއެކު އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައެވެ. ނަމަވެސް، ކުއްޖާގެ ހާލަތު އިތުރަށް ގޯސްވަމުން ދިއުމާ ގުޅިގެން، އިތުރު ފަރުވާ ހޯދުމަށް މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފައެވެ.
އައިޖީއެމްއެޗުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި، މިހާރު ފަރުވާ ދެމުންދަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ އެ ރަށުގައި އީދު ކުޅިވަރުތައް ބޭއްވުމަށް ތައްޔާރުވުމުގެ ތެރޭގައި، ތަނަކަށް ކަރަންޓު ދިނުމަށްޓަކައި މަގުމަތީގައި ހުރި ކަރަންޓު ފޮށްޓަކުން އެކްސްޓެންޝަން ބޯޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައެވެ. ކަރަންޓު ޝޮކު ޖެހުމާއެކު އެ ކުއްޖާ ވަގުތުން ހޭނެތިގެން ވެއްޓުނު ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.