ޚަބަރު
މާލެ އާއި ހުޅުމާލޭގައި މަސްތުވާތަކެތީގެ އޮޮޕަރޭޝަންތަކެއް ހިންގައިފި
މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ހައްޔަރުކުރި މީހުން. ފޮޓޯ: ފުލުހުން
ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލެ އާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ ޚާއްޞަ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަނަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
ހައްޔަރުކުރި މީހުންގެ ތަފްސީލު
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ތ. ތިމަރަފުށި، މުތީހައުސް، އަޙްމަދު ޖިނާޙު (43އ) އާއި، ހއ. ހޯރަފުށި، ސައިމާގެ، އަޙްމަދު ސަޢީދު (28އ) އާއި، ގދ. މަޑަވެލި، ހައުސްޓަން، މުޙައްމަދު އަނޫފް ޢަލީ (27އ) ގެ އިތުރުން ގދ. ހޯޑެއްދޫ، އަބުމާގެ، އަޙްމަދު މަޢީޝް ރަޝީދު (28އ) އެވެ.
މި މޭ މަހުގެ 25 ވަނަ ދުވަހު ފުލުހުން ހިންގި މި އޮޕަރޭޝަންގައި މާލެ އާއި ހުޅުމާލެ ހިމެނޭގޮތަށް ޖުމްލަ ފަސް އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވެއެވެ. މި ބަލައިފާސްކުރުމުގެ ތެރެއިން 100.09 ގުރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ މަޢުލޫމާތުދީފައެވެ.
ބަންދާމެދު ކޯޓުން ނިންމި ގޮތް
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ޖިނާޙު އާއި އަޙްމަދު ސަޢީދު 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މުޙައްމަދު އަނޫފް ޢަލީ އާއި އަޙްމަދު މަޢީޝް ރަޝީދު ބަންދުގައި ބޭތިއްބުމަށް ކޯޓުން ދީފައިވަނީ ފަސް ދުވަހުގެ މުއްދަތެކެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އިތުރަށް ތަހުޤީޤު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.