ޚަބަރު
ނިމިދިޔަ ހަފްތާގައި ސްކޭމްކޮށްގެން ހަލައްކައެއްހާ ރުފިޔާ ފޭރިގަނެފި
ސްކޭމްކޮށްގެން ފޭރިގަތް ބައެއް ފައިސާ ވަނީ އަނބުރާ ހޯދާފަ
ނިމިދިޔަ ހަފްތާގެ ތެރޭގައި އެކި ބާވަތުގެ ސްކޭމްތަކުގެ ޝިކާރައަށްވި އެކި މީހުންގެ އަތުން ފަސްލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިފައިވާކަމަށް އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މޭ މަހުގެ 17 އިން ފެށިގެން 23 ގެ ނިޔަލަށް ސްކޭމްގެ ޖުމްލަ 29 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ.
މި މައްސަލަތަކުގައި އާންމުންގެ އަތުން ޖުމްލަ 598,467.44 ރުފިޔާ ގެއްލިފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ. ނަމަވެސް، ކަމާބެހޭ އިދާރާތަކުން ކުރި ހަލުވި މަސައްކަތުން މީގެ ތެރެއިން 255,710.99 ރުފިޔާ އަނބުރާ ހޯދިފައިވާކަން އެންޓި ސްކޭމް ސެންޓަރުން ފާހަގަކުރެއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިތަކާ ގުޅުންހުރި ސްކޭމްތަކެވެ. މި ބާވަތުގެ 15 މައްސަލައެއް ހުށަހެޅިފައިވާއިރު، މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި ވިޔަފާރީގެ މަޢުލޫމާތާއި ވިއްކާ މުދާ ދިމާވޭތޯ ބެލުމަށާއި، ފިހާރަ ނުވަތަ ގުދަން ހުރިތަން ޔަޤީންކުރުމަށްފަހު "ކޭޝް އޮން ޑެލިވަަރީ" (ސީއޯޑީ) ބޭނުންކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.
މީގެ އިތުރުން، ޑޮލަރު މާރުކުރުމުގެ މައްސަލަތަކުގައި ހަ މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. ޑޮލަރު ގަންނައިރު ލައިސަންސް އޮތް ތަނެއްތޯ ބެލުމުގެ އިތުރުން، ވައިބަރ ނުވަތަ ވަޓްސްއަޕް މެދުވެރިކޮށް މުއާމަލާތް ކުރާއިރު އެއީ ސައްޙަ ނަންބަރެއްތޯ ގުޅައިގެން ކަށަވަރުކުރުމަކީ މުހިންމު ކަމެކެވެ. އަދި އޮޅުވާލައިގެން އެހެން މީހެއްގެ ނަމުގައި ގުޅައިގެން ފައިސާ ހޯދުމުގެ ދެ މައްސަލައެއްވެސް މިދިޔަ ހަފްތާގައި ވަނީ ރިޕޯޓުކޮށްފައެވެ.
ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން، އެކި ފަރާތްތަކުން ފޮނުވާ ޝައްކުކުރެވޭ ލިންކުތަކަށް ނުފިއްތުމަށާއި، އެއްވެސް ފަރާތަކާ "އޯޓީޕީ" ހިއްސާ ނުކުރުމަށް އެންޓި ސްކޭމް ސެންޓަރުން ތަކުރާރުކޮށް ހަނދާންކޮށްދެއެވެ. ފައިސާގެ އެއްވެސް މުއާމަލާތެއް ކުރުމުގެ ކުރިން އެއީ ކާކުކަން ޔަޤީންކުރުމަކީ މިފަދަ ލަނޑުތަކުން ސަލާމަތްވުމަށް އޮތް އެންމެ ބޮޑު ހައްލެއްކަމަށް އެ ސެންޓަރުން މަޢުލޫމާތުދެއެވެ.