ޚަބަރު
ނާޒިމް މަޤާމުން ވަކިކުރުމުގެ މައްސަލަ އާދީއްތަ ދުވަހަށް ތާވަލުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނާޒިމް. ފޮޓޯ: މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމު ވަކިކުރުމުގެ ވޯޓު ނަގާ ޖަލްސާ އަންނަ އާދީއްތަ ދުވަހަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ތާވަލުކޮށްފިއެވެ.
މި މައްސަލަ އާދީއްތަ ދުވަހަށް ތާވަލުކުރާނެކަން މަޖިލީހުން މިހާރު ވަނީ މެންބަރުންނަށް އަންގާފައެވެ.
މަޖިލީހުގެ ނައިބުރައީސްކަމުން ނާޒިމު ވަކިކުރުމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމަންޓަރީ ގުރޫޕުން ފާސްކުރީ މިދިޔަ މޭ މަހުގެ 13 ވަނަ ދުވަހު ބޭއްވި އެ ގުރޫޕުގެ ބައްދަލުވުމެއްގައެވެ. ނާޒިމުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި، އޭނާ މަގާމުން ވަކިކުރުމަށް 73 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅީ މޭ މަހުގެ 14 ވަނަ ދުވަހުއެވެ.
މި މައްސަލަ ކުރިއަށްގެންދާނެ ގޮތް މަޖިލީހުގެ އާއްމު ކޮމިޓީން މިދިޔަ ހަފުތާގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން މުޅި މައްސަލައަށް އެއް ގަޑިއިރުގެ ވަގުތެއް ދިނުމަށް ވަނީ ނިންމާފައެވެ. މީގެ ތެރެއިން މެންބަރުން ބަހުސްކުރުމަށް 50 މިނިޓު ހާއްސަކޮށްފައިވާއިރު، އަމިއްލަ ދިފާއުގައި ޖަވާބުދާރީވެވަޑައިގަތުމަށް ނާޒިމަށް 10 މިނިޓުގެ ވަގުތެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބުރައީސް ވަކިކުރުމުގެ ނޯޓިސް ފޮނުވާތާ 14 ދުވަސް ހަމަވުމަށްފަހު ފުރަތަމަ އަންނަ ރަސްމީ ދުވަހެއްގައި އެ މައްސަލައާމެދު ގޮތެއް ނިންމަން ޖަލްސާއެއް ބާއްވަންޖެހެއެވެ. ނާޒިމަށް ފޮނުވި ނޯޓިސްގެ މުއްދަތު މާދަމާއަށް ހަމަވާއިރު، އޭގެ ފަހުން އަންނަ ފުރަތަމަ ރަސްމީ ދުވަހަކީ އާދީއްތަ ދުވަހެވެ.
އާދީއްތަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި އޮންނާނީ ހަމައެކަނި ނާޒިމު ވަކިކުރުމުގެ މައްސަލަ ކުރިއަށްގެންދިއުމެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ނައިބުރައީސް މަގާމުން ވަކިކުރުމަށް ބޭނުންވަނީ އެ ޖަލްސާގައި ބައިވެރިވެ ވޯޓުދޭ މެންބަރުންގެ އަޣުލަބިއްޔަތެވެ.