ދީން / ކޮލަމް

ތިޔަބައިމީހުންގެ ތެރޭގައި ހޭޖެހޭ ފިރިހެނަކު ނުވަނީހެއްޔެވެ؟

ތިޔަބައިމީހުންގެ ތެރޭގައި ހޭޖެހޭ ފިރިހެނަކު ނުވަނީހެއްޔެވެ؟

ތިޔަބައިމީހުންގެ ތެރޭގައި ހޭޖެހޭ ފިރިހެނަކު ނުވަނީހެއްޔެވެ؟

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 މޭ 2026، 01:32

29 މޭ 2026، 01:32

ދިވެހިރާއްޖޭގައި އީދަކީ އަބަދުވެސް އުފާވެރިކަމާއި، އާއިލީ ގުޅުން ބަދަހިކުރުމާއި، ޝުކުރުވެރިވުމާއި، މާތް ﷲ ހަނދުމަކުރުމުގެ މާތް މުނާސަބަތެކެވެ. ތާރީޚަށް ބަލާއިރު، ދިވެހިން އީދު ފާހަގަކުރަމުން އައީ ނުހަނު ލަދުވެތިކަމާއި، އެއްބައިވަންތަކަމާއި، އިސްލާމީ އަދަބު އަޚުލާގުގެ މަތީގައެވެ. ކުޑަކުދިންގެ ހިނިތުންވުމާއި، ސަގާފީ ކުޅިވަރުތަކާއި، މީރު ކާތަކެއްޗާއި، އަދި އިސްލާމީ އިންތަކުގެ ތެރޭގައި ކުރިއަށްދާ މުނިފޫހިފިލުވުމުގެ ހަރަކާތްތަކަކީ އަޅުގަނޑުމެންގެ އީދުތަކުގެ ރީތި ސިފައެވެ.

ނަމަވެސް، ފަހަކަށް އައިސް ރާއްޖޭގައި އީދު ފާހަގަކުރަމުންދާ ގޮތްތަކަށް ބަލާއިރު، އަޅުގަނޑުމެންގެ އިސްލާމީ ވަންތަކަމާ ބީރައްޓެހި ގިނަ ކަންތައްތަކެއް ފެންނަމުންދާކަމީ ހިތާމަހުރި ކަމެކެވެ.
މިއަދު ސޯޝަލް މީޑިއާއާއި ރަށްރަށުގެ ސްޓޭޖްތަކުން ފެންނަމުންދާ މަންޒަރުތަކަކީ ކޮންމެ މުސްލިމަކު ކަންބޮޑުވާންޖެހޭ ކަންކަމެވެ. އާންމު މައިދާންތަކުގައި ގިނަބައެއްގެ ކުރިމަތީގައި އަންހެނުން ނެށުމާއި، ބޭއަދަބީ ހަރަކާތްތައް ދެއްކުމާއި، އިޝްތިހާރުތަކުގައި އަންހެނުންނަކީ މުނިފޫހިފިލުވުމުގެ ސާމާނެއްގެ ގޮތުގައި ބޭނުންކުރުން ވަނީ އާންމުވެފައެވެ. މީގެ އިތުރުން، ފިރިހެނުން އަންހެން ހެދުން އެޅުމާއި، އަންހެނުން ފިރިހެން ހެދުން އެޅުމާއި، ބިރުވެރި "މާލި" ތަކުގެ ނަމުގައި އިސްލާމީ ރޫހާ ނުގުޅޭ ނުވަތަ ޝައިތާނީ ސިފަތައް ރަމްޒުކޮށްދޭ މާސްކުތައް ބޭނުންކުރުން ފަދަ ކަންކަމަކީ އީދުގެ އުފަލުގެ ތެރެއަށް މަސްހުނިވެފައިވާ ބާތިލް ކަންކަމެވެ.

ސައްތަ އިންސައްތަ މުސްލިމް ގައުމެއްގެ ހައިސިއްޔަތުން، މިއީ ކޮންމެ އީމާންތެރިއަކު ފުންކޮށް ވިސްނާލަންޖެހޭ ނުރައްކާތެރި މިސްރާބެކެވެ.
އިސްލާމްދީނަކީ އުފާފާޅުކުރުމާއި، ސަގާފަތާއި، ހަލާލު މުނިފޫހިފިލުވުމަށް ހުރަސްއަޅާ ދީނެއް ނޫނެވެ. އީދަކީ އުފާވެރި ދުވަހެކެވެ. ނަމަވެސް، މުޖުތަމައުގެ ކަރާމާތާއި، އަޚުލާގާއި، ލަދުވެތިކަން ދެމެހެއްޓުމަށްޓަކައި އިސްލާމްދީން ވަނީ ސާފު އިންތަކެއް ކަނޑައަޅާފައެވެ. މާތް ﷲ ކީރިތި ގުރުއާނުގައި ވަހީކުރައްވާފައިވެއެވެ:

 ފާޙިޝް ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާ ވެގެންވާ ކަންތަކެވެ.

       (ސޫރަތުލް އަންޢާމް: 151)

އާންމުކޮށް ފާޅުގައި ކުރެވޭ ފާފަތަކާއި ބޭއަދަބީ ކަންކަމާ ގުޅޭގޮތުން ލޫޠުގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ދެންނެވި ބަސްފުޅެއް ސޫރަތު ހޫދުގައިވެއެވެ:

 "ތިޔަބައިމީހުންގެ ތެރޭގައި ހޭޖެހޭ ފިރިހެނަކު ނުވަނީހެއްޔެވެ؟" މިއީ އިންސާނާގެ ބުއްދިއާއި ފިޠުރަތަށް ކުރެވޭ ވަރުގަދަ ސުވާލެކެވެ. މުޖުތަމައެއްގެ ތެރޭގައި ލަދުވެތިކަން ކެނޑި، ބޭއަދަބީ ކަންކަން އާންމުވެ، އެއީ އާދައިގެ ކަމެއްގެ ގޮތުގައި ބަލަން ފެށުމުން، އިއްޒަތްތެރި އަދި ހެޔޮވިސްނޭ މީހުން ތެދުވެ އެކަންކަން އިސްލާހުކުރަން ޖެހެއެވެ.

އާންމު ހަރަކާތްތަކަކީ ލަދުވެތިކަމާއި އަބުރުވެރިކަން ނަގާލާ ވަސީލަތްތަކަކަށް ވެގެންނުވާނެއެވެ. އިސްލާމްދީނުގައި އަންހެނުންނަކީ މުނިފޫހިފިލުވުމަށް ސްޓޭޖްތަކަށް އަރުވައި، މީހުންގެ ކުރިމަތީގައި ނަށަން ބައިތިއްބަންޖެހޭ ބައެއް ނޫނެވެ. އެކަނބަލުންނަކީ މުޖުތަމައުގެ އިއްޒަތާއި ގަދަރެވެ. ހަމައެހެންމެ، އިދިކޮޅު ޖިންސާ އެއްގޮތްވުމަކީ ދީނުގައި ނަހީކުރައްވާފައިވާ ކަމެކެވެ. މާތް ނަބިއްޔާ ﷺ ވަނީ އަންހެނުންނާ އެއްގޮތްވާން އުޅޭ ފިރިހެނުންނަށާއި، ފިރިހެނުންނާ އެއްގޮތްވާން އުޅޭ އަންހެނުންނަށް ލައުނަތް ލައްވާފައެވެ.

ރާއްޖޭގެ އަސްލު ބިނާވެފައިވަނީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށެވެ. އަޅުގަނޑުމެންގެ ސަގާފަތާއި އަމިއްލަ ވަންތަކަން ގަރުނުތަކެއް ވަންދެން ދެމިއޮތީ އިސްލާމީ ހަމަތަކުގެ މަތީގައެވެ. އީދު ފާހަގަކުރުމުގެ ނަމުގައި ލަދުވެތިކަން ނެތިގޮސް، ފާހިޝް ކަންކަން އާންމުކުރަން ފަށައިފިނަމަ، އަންނާން އޮތް ޖީލުތަކަށް މި ދަސްކޮށްދެވެނީ ނުބައި މިސާލެކެވެ. އެކުދިން ގަބޫލުކުރާނީ އެއީ އަޅުގަނޑުމެންގެ އައިޑެންޓިޓީ ކަމުގައެވެ.

މިއީ ވަކި ބަޔަކަށް އަމާޒުކޮށް ކުރާ މަލާމާތެއް ނޫނެވެ. މިއީ ރަށްރަށުގެ ކައުންސިލްތަކަށާއި، ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކަށާއި، މީޑިއާތަކަށާއި، ބެލެނިވެރިންނަށް ކުރެވޭ އިޚުލާޞްތެރި ނަސޭހަތެކެވެ. އީދަކީ މާތް ﷲ ރުހިވޮޑިގަންނަވާ ގޮތުގައި ފާހަގަކުރާ މުނާސަބަތަކަށް ހަދަމާ ހިނގާށެވެ. އާއިލީ ގުޅުން ބަދަހިކޮށް، އީމާންތެރިކަން އާލާކޮށް، އަދަބުވެރިކަމާއެކު އުފާފާޅުކުރަމާ ހިނގާށެވެ.


ސޫރަތު ހޫދުގެ އެ ސުވާލު މިއަދުވެސް އަޅުގަނޑުމެންގެ ކކަންފަތްތަކުގައި ގުގުމަމުންދާ ފަދައެވެ.

"ތިޔަބައިމީހުންގެ ތެރޭގައި ހޭޖެހޭ ފިރިހެނަކު ނުވަނީހެއްޔެވެ؟"

މިއީ ހަމައެކަނި ފިރިހެނުންނަށް އަމާޒުކުރެވޭ ސުވާލެއް ނޫނެވެ. މިއީ މުޖުތަމައުގެ ކޮންމެ ފަރުދަކަށް، ކޮންމެ މަސްއޫލުވެރިއަކަށް އަދި ކޮންމެ ބެލެނިވެރިއަކަށް އަމާޒުކުރެވޭ ސުވާލެކެވެ. އަޅުގަނޑުމެންގެ ތެރޭގައި ހެޔޮނުބައި ވަކިކުރަން އެނގޭ، އިސްލާމީ އަދަބު އަޚުލާގާއި ދިވެހިވަންތަ ރީތި އާދަކާދަތައް ނެތިގެންދާއިރު އެކަމާ ކަންބޮޑުވާނެ ބަޔަކު ނެތީތޯ ކުރެވޭ ސުވާލެކެވެ.

އީދު ފާހަގަކުރުމުގެ ނަމުގައި ބޭއްވޭ ހަރަކާތްތަކަކީ އަޅުގަނޑުމެންގެ ދީނީ އަގީދާއާ ފުށުނާރާ، އަދި މާތް ﷲ ގެ ކޯފާއަށް ހުށަހެޅިގެން ނުދާނެ ފަދަ ހަރަކާތްތަކަކަށް ހަދަންޖެހެއެވެ. އީދުގެ އުފާވެރިކަމަކީ ހަގީގީ އުފާވެރިކަމަކަށް ވާނީ، އެ އުފާވެރިކަމެއްގައި މާތް ﷲ ގެ ބަރަކާތް އެކުލެވިގެންނެވެ. ހަށިގަނޑު ހާމަކޮށް، ޖިންސީ ގޮތުން ފާޅުކަން ބޮޑު ހަރަކާތްތައް ދައްކައި، ދީނުގައި ހަރާމްކުރައްވާފައިވާ ކަންކަމަށް ފުރުސަތު ދިނުމަކީ އުފާވެރިކަމެއް ނޫނެވެ. އެއީ މުޖުތަމައު ފަސާދަވުމުގެ ފެށުމެވެ.

އެހެންކަމުން، ކުރިއަށް އޮތް ތަނުގައި އީދު ފާހަގަކުރާއިރު، އަޅުގަނޑުމެންގެ ކާބަފައިން މި މާތް ދީނުގެ މަތީގައި މި ގައުމު ބިނާކުރި މަގަށް ރުޖޫއަވަމާ ހިނގާށެވެ. ޒަމާނީ ތަރައްގީއާއި މުނިފޫހިފިލުވުމަކީ ދީނީ އިންތަކުން ބޭރުވުމެއް ނޫނެވެ. އަޅުގަނޑުމެންގެ އީދުތަކަކީ އަޚުލާގީ ގޮތުން މަތިވެރި، ސަގާފީ ގޮތުން މުއްސަނދި، އަދި އިސްލާމީ ރޫހުން ފުރިގެންވާ ދުވަސްތަކަކަށް ހަދަމާ ހިނގާށެވެ. މުޖުތަމައުގެ އިއްޒަތާއި ގަދަރު ހިފެހެއްޓުމުގައި ކޮންމެ މީހަކުވެސް އެމީހެއްގެ ޒިންމާ އަދާކުރަންޖެހެއެވެ. އެއީ މިއަދުގެ ހާލަތު ބަދަލުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ.

                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450