Ads by Farudhun

ޚަބަރު

މާލޭގެ މަގުތަކުން ތަކުބީރުގެ އަޑު ކެނޑިއްޖެ: މިއީ އެމްޑީޕީއަށް ބާރު ލިބުމުން ކަންކަން ވާގޮތް - އަރީޝް

މާލޭގެ މަގުތަކުން ތަކުބީރުގެ އަޑު ކެނޑިއްޖެ: މިއީ އެމްޑީޕީއަށް ބާރު ލިބުމުން ކަންކަން ވާގޮތް - އަރީޝް

ކުރީގެ ޑިޕިއުޓީ މޭޔަރު މުހައްމަދު އަރީޝް - ފޮޓޯ : އެމްއެމްޓީވީ

30 މޭ 2026، 10:14

ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މާލޭގެ މަގުތަކުން ތަކުބީރުގެ މާތް އަޑު ކެނޑިގެންދިޔަ ފުރަތަމަ އީދަކީ މިއީ ކަމަށް ވިދާޅުވެ، ކުރީގެ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އަރީޝް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމުގައި ހުންނެވިއިރު، މުޅި ގްރޭޓަރ މާލެ ސަރަޙައްދުގެ އެކި ހިސާބުތަކުގައި ބާރަށް މިއުޒިކު ޖެހުމުގެ ބަދަލުގައި ގުގުމަމުންދިޔައީ އީދުގެ ތަކުބީރުގެ މާތް އަޑެވެ.

ޕީ.އެން.ސީގެ މެޖޯރިޓީ އޮތް ސިޓީ ކައުންސިލުން މެދުނުކެނޑި އެ އާދަ ހިފަހައްޓަމުން ގެންދިޔަ ނަމަވެސް، މިއަދު ފެންނަމުންދަނީ މުޅިން ތަފާތު މަންޒަރެއްކަން އަރީޝް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މާލޭގެ މަގުތަކުން އެ މާތް އަޑު ކެނޑި، މުޅި މާޙައުލު ބަދަލުވެފައިވާ ކަމަށެވެ.

"މިއީ އެމް.ޑީ.ޕީ އަށް ކިރިޔާވެސް ބާރެއް ލިބުމުން ކަންކަން ބަދަލުވެގެންދާ ގޮތް،" މާލެ ސިޓީ ކައުންސިލްގެ މިހާރުގެ ހިންގުމަށް ފާޑުވިދާޅުވަމުން އަރީޝް ވިދާޅުވިއެވެ.

ޑރ. މުޢިއްޒުގެ މޭޔަރުކަމުގައި މާލޭގެ މަގުތަކުގައި ސްޕީކަރުތައް ހަރުކޮށް، އީދު ދުވަސްތަކުގައި ތަކުބީރު އިވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ނަމަވެސް، މޭޔަރުކަމުގެ މަޤާމަށް އެމްޑީޕީގެ ކެންޑިޑޭޓަކު އިންތިޚާބުވުމަށްފަހު، މިފަދަ އިސްލާމީ އާދަކާދަތަކަށް ދެވޭ ސަމާލުކަން ކުޑަވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މިއަހަރުގެ އީދުގައި މާލެ ސިޓީގެ އެކި ސަރަޙައްދުތަކުން ތަކުބީރުގެ އަޑު ނީވޭ މައްސަލައިގައި އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުންވެސް ސިޓީ ކައުންސިލަށް ވަނީ އަމާޒުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450