Ads by Farudhun

ޚަބަރު

ހިމަބިހީގެ ވެކްސިން 2 ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ކެމްޕޭނެއް ފަށަނީ

ހިމަބިހީގެ ވެކްސިން 2 ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ކެމްޕޭނެއް ފަށަނީ

ހިމަބިހި ޖެހިފައިވާ ކުއްޖެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 މޭ 2026، 11:22

30 މޭ 2026، 11:22

ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްޞަ ވެކްސިން ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

 މި ނިންމުން ނިންމާފައިވަނީ ދާދިފަހުން މާލެ ސަރަޙައްދުން ހިމަބިހީގެ ކޭސްތަކެއް ފެނުމާ ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ.

ހިމަބިއްސަކީ 2017 ވަނަ އަހަރު ރާއްޖެއިން އެއްކޮށް ނައްތާލެވިފައިވާ ބައްޔެއް ނަމަވެސް، ވޭތުވެދިޔަ 9 އަހަރުގެ ތެރޭގައި އެކި ދުވަސްވަރު މި ބަލީގެ ކޭސްތައް ރާއްޖެއިން ފެނިފައިވެއެވެ. މި މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މިހާތަނަށް މާލެ ސަރަޙައްދުން 9 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އެޗްޕީއޭއިން މިހާރު ދަނީ ބަލި ޖެހުނު މީހުންނާ ބައްދަލުވި ފަރާތްތައް ދެނެގަނެ، އެމީހުން ޓެސްޓުކޮށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރ ނާޝިޔާ ޢަބްދުލްޣަފޫރު ވިދާޅުވީ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ އާންމުންނަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ފެށޭނެ ކަމަށެވެ. "ވެކްސިން ރާއްޖެއިން ބޭރުން ގެނައުމަށް ކުރިއަށްގެންދާ ޕްރޮސެސް މިހާރު ކުރިއަށްދަނީ،" ނާޝިޔާ ވިދާޅުވިއެވެ.

ޤައުމީ ވެކްސިން ތާވަލުގައި ހިމެނޭ އެމްއާރް އަދި އެމްއާރްއައި ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާކަން ކަށަވަރުކުރެވޭނެ ލިޔެކިޔުމެއް ނެތްނަމަ، އެންމެ ރައްކާތެރި ގޮތަކީ އަލުން ދެ ޑޯޒް ފުރިހަމަކުރުން ކަމަށް އެޗްޕީއޭއިން ލަފާދެއެވެ. ވެކްސިން ޖެހުމަކީ ބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވުން ދުރުކޮށްދޭ ކަމެކެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހަށިގަނޑުގައި ކުދި ރަތް ބިހިތަކެއް ނެގުމާއެކު ހުން އައުން ހިމެނެއެވެ. މިފަދަ އަލާމާތެއް ފެނިއްޖެނަމަ މީހުންގެ ތެރެއަށް ނުދިއުމަށާއި، ހޮސްޕިޓަލަށް ދާއިރު މާސްކު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. ޚާއްޞަކޮށް ދިފާޢީ ނިޒާމު ބަލިކަށި މީހުންނާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކުން މި ބައްޔަށް ސަމާލުވުން މުހިއްމެވެ.

މި ދުވަސްވަރަކީ ގިނަ ބަޔަކު ޗުއްޓީއަށް ދަތުރުކުރާ ދުވަސްވަރަކަށް ވާތީ، ދަތުރަށްފަހު ހުމާއި ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ގޭގައި މަޑުކުރުމަށް ސިއްޙީ މާހިރުން އިރުޝާދު ދެއްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450