ޚަބަރު
ޖިންސީ ގޯނާގެ ތުހުމަތާއި ގުޅިގެން އަފްލަހުގެ މައްޗަށް ހަ ދަޢުވާއެއް އުފުލައިފި
ޖިންސީ ގޯނާގެ ތުހުމަތާއި ގުޅިގެން ހައްޔަރުކުރި ޢަލީ އަފްލަހު---
ޖިންސީ ގޯނާގެ ތުހުމަތާ ގުޅިގެން ހައްޔަރުކޮށްފައިވާ ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރުގެ ކުރީގެ ވެރިޔާ، ކ.މާލެ، ހމ. ޚައިރާތު، ޢަލީ އަފްލަހުގެ މައްޗަށް ހަ ދަޢުވާއެއް އުފުލައިފިއެވެ.
އަފްލަހު ހައްޔަރުކުރީ ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރަށް ކިޔަވަން ދިޔަ އަންހެން ކުއްޖަކަށް، އެ ކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުޙުމަތުކޮށްގެންނެވެ.
މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކުރީ މި އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހުއެވެ.
އެ މައްސަލަ ތަޙުޤީޤުކޮށް ފުލުހުން ވަނީ ދަޢުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވާފައެވެ. އެ އޮފީހުން މިއަދު ބުނީ އޭނާގެ މައްޗަށް ދަޢުވާ އުފުލާ މައްސަލަތައް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް އުފުލާފައިވަނީ:
1. މަޙްރަމަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ 3 ދަޢުވާ އާއި
2. ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި އެ ކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދަޢުވާ އާއި
3. އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ އާއި
4. ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ
މި ތުހުމަތާ ގުޅިގެން އަފްލަހު ވަނީ ފިލައިގެން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ހުރެފައެވެ. އަދި އޭނާ ހައްޔަރުކުރީ ރާއްޖެ އައުމުންނެވެ.