ޚަބަރު
އެންސްޕާގެ މެޑިކަލް ވެލްފެއާ ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކުރަނީ
އާސަންދަ އޮފީސް
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދެމުންދިޔަ މެޑިކަލް ވެލްފެއާގެ ޚިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މި ބަދަލަށް އަމަލުކުރަން ފަށާނީ ޖޫން މަހުގެ 1ވަ ދުވަހުން ފެށިގެންނެވެ.
ސަރުކާރުގެ މި ނިންމުމަކީ ޞިއްޙީ އެހީތެރިކަން ހޯދުމުގައި ރައްޔިތުންނަށް ދިމާވާ އިދާރީ ދަތިތައް ނައްތާލައި، އެއް ފުރާޅެއްގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ. މީގެ ކުރިން ބައެއް ޚިދުމަތްތައް އެންސްޕާއިން އަދި އަނެއްބައި ޚިދުމަތްތައް އާސަންދައިން ދެމުންދާތީ، އެހީއަށް އެދޭ ފަރާތްތަކުން ދެ ތަނަކަށް ހުށަހަޅަން ޖެހުމަކީ އާންމުންގެ ބޮޑު ޝަކުވާއެކެވެ.
އާސަންދައިން ދެން ލިބޭނެ މެޑިކަލް ވެލްފެއާ ޚިދުމަތްތައް
މި ބަދަލާއެކު އެންސްޕާއިން ދެމުންދިޔަ ފަސް ދާއިރާއެއްގެ ޚިދުމަތް އާސަންދައިގެ ދަށަށް ބަދަލުވާނެއެވެ. އޭގެ ތެރޭގައި ބޭސްފަރުވާއާ ގުޅޭ އެހީތެރިކަމާއި، ޓެސްޓުތައް ހެދުމާއި މެޑިކަލް ޑިވައިސްތަކަށް ދޭ އެހީގެ އިތުރުން، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ދޭ ސިއްޙީ އެހީތެރިކަން ހިމެނެއެވެ. މީގެ އިތުރުން ރިފަރަލް، އެމަޖެންސީ ހާލަތްތައް އަދި ތެލެސީމިއާ އާއި ބޯންމެރޯ ޓްރާންސްޕްލާންޓް ފަދަ ޚާއްސަ ހާލަތްތަކުގައި ދެވޭ އެހީތެރިކަންވެސް ދެން ލިބޭނީ އާސަންދަ މެދުވެރިކޮށެވެ.
މިކަމާ ގުޅޭގޮތުން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، މި ބަދަލުގެ ސަބަބުން އެއް އެޕްލިކޭޝަނެއް މެދުވެރިކޮށް ހުރިހާ އެހީއަކަށް އެދުމުގެ މަގު ފަހިވާނެ ކަމަށެވެ. "މިގޮތަށް ބަދަލުވުމުން އެއްތަނަކުން މީހުންގެ މައުލޫމާތުވެސް ބެލެހެއްޓިގެންދާނެ އަދި ފޯރުކޮށްދެވޭ އެހީތެރިކަން މާ ސާފުކޮށް އޮޅުން ފިލައިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.
ސިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި، މިހާރު އެންސްޕާއަށް އެހީއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށްވެސް މާދަމާއިން ފެށިގެން ޖަވާބު ދެމުންދާނީ އާސަންދަ ކުންފުނިންނެވެ. އަދި ޚިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު ފޯރުކޮށްދިނުމުގެ ޒިންމާވެސް ދެން އުފުލާނީ އެ ކުންފުނިންނެވެ.